އދގެ އާންމު މަޖިލީހަށް ރައީސް ފުރާވަޑައިގެންފި

އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ މި މަހުގެ 24 ވާ އަންގާރަ ދުވަހު އެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ފުރާވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ މި މަހުގެ 24 ވާ އަންގާރަ ދުވަހު އެވެ. 
އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާ ގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގަައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ އާދީއްތަ ދުވަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ