ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަށް ބާރުއަޅާނެ އިއްތިޙާދެއް ސަޢުދީ ޢަރަބިއްޔާއިން އެކުލަވައިލައިފި

ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރުންނަށް ބާރުއަޅާނެ އިއްތިޙާދެއް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ, އެކުލަވައިލައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު އެ ކަން ހާމަ ކުރައްވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގެ ހަވާސާގައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ, ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނާއި ޔަހޫދީންގެ މިނިވަން ދެ ދައުލަތް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އަވަސްކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ކަން ހޯދައިދިނުމަށް ބާރު އެޅުމުގެ މަސައްކަތް ކުރުމަށް އެކުލަވައިލާފައިވާ އިއްތިޙާދުގައި ޢަރަބި ދުނިޔޭގެ ޤައުމުތަކާއި މުސްލިމް ޤައުމުތަކުގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ބައެއް މެންބަރު ޤައުމުތައް ހިމެނޭ ކަމުގައެވެ. ނަމަވެސް, އެއީ ކޮން ޤައުމުތަކެއް ކަން ސާފުކޮށްދީފައެއް ނެތެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު, ޖޮސެފް ބޮރެއި ވަނީ, ސަޢޫދީ ޢަރަބިއްޔާއިން އެކުލަަވައިލާފައިވާ އިއްތިޙާދުގައި އީޔޫގެ ބައެއް މެންބަރު ޤައުމުތައް ހިމެނޭ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި, އެ އިއްތިޙާދުގެ ފުރަތަމަ ބައްދަލުވުންތައް ރިޔާޟާއި ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައި ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޒަޔަނިސްޓު ދައުލަތާ އެކު ކުރަމުން ދިޔަ މަޝްވަރާތައް މެދުކަނޑައިލާފައެވެ. ޔަހޫދީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމާ ގުޅޭ ގޮތުން ކުރަމުން ދިޔަ މަޝްވަރާތައް ވިލަރެސް ކުރަމުން ގޮސްފައި ވަނީ އެމެރިކާއިންނެވެ. ނަމަވެސް, ޔަހޫދީން އުފައްދާފައިވާ ދައުލަތް ސަޢޫދީ ޢަރަބިއްޔާއިން ބަލައިގަންނާނީ އަޅުވެތިކަމުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކޮށް, ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުން ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި, ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ, އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރަން އެންމެ ބޮޑަށް މަސައްކަތްކޮށް, ޚަރަދު ކުރަމުން ދަނީ ވެސް އެމެރިކާއިންނެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް, ޚާއްޞަކޮށް ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން, ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެނީ ވެސް އެމެރިކާއިންނެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރަށް ބޮންއަޅައި ޔަހޫދީ ފައުޖުން އެތަކެއް ހާސް ބަޔަކު ޝަހީދު ކުރަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.
"[މެދުއިރުމަތީގައި] ހިނގަމުންދާ ހަމަނުޖެހުންތަކަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ ދެ ދަޢުލަތް ޤާއިމު ކުރުން, މުޅި ސަރަޙައްދުގައި އައު ޙަޤީޤަތެއް ތަންފީޒު ކުރެވޭނީ އެއިރުން, އިސްރާއީލު ވެސް ހިމެނޭ ގޮތަށް, ސަލާމަތާއި ރައްކާތެރިކަމާ އެކުގައި ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް،" ފަރްޙާން ވިދާޅުވިއެވެ.
މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,534އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,092އަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ