ފުވައްމުލަކުގައި 11 މަޝްރުއެއް ހިންގަން ސޮއިކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އަޅައިފި ފުވައްމުލަކުގައި 11 މަޝްރުއެއް ހިންގަން ސޮއިކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އަޅައިފި

ފުވައްމުލައް ސިޓީއަށް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން 11 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ފުވައްމުލައް ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ހަވާލުކުރި 11 މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއެއް ހަވާލުކުރީ އަމިއްލަ ކުންފުނިތަކާ އެވެ.
މީގެ އިތުރުން މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސިޓީގައި ސީޓީ ސްކޭންގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، މާދަނޑު އަވަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް ފަށްޓަވައިދެއްވި އެވެ.
މުއިއްޒު އިފްތިތާހުކޮށްދެއްވި ސިޓީ ސްކޭން ހިދުމަތަކީ އެ ސިޓީގައި ބޭނުންކުރަމުންދިޔަ ހިދުމަތެކެވެ. ނަމަވެސް އެ ހިދުމަތް "ރަސްމީކޮށް ފެށުމަށް" ކަމަށް ބުނެ ހަފުލާއެއް ބާއްވައި، ހިދުމަތް އިފްތިތާހު ކުރުމަށް އިއްޔެ ވަނީ ރިބަން ކަނޑުއްވައިފަ އެވެ.
"ސީޓީގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށުނީ. އެ ހިދުމަތް ފެށިގެން 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ދެވިފަ ވޭ،" ރޭ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ރޭ ވިދާޅުވީ ވައުދުވި ގޮތަށް އެ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއަކީ ސައުދީގެ ހިލޭ އެހީގެ ދަށުން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ