ޕްރީ ސްކޫލް ޓީޗަރުން އިތުރު ގަޑީ މަސައްކަތް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އެންގުމާއެކު އެފަރާތްތަކުން އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ޕްރީ ސްކޫލްތައް ބަދަލުކުރުމަށްފަހު ޕްރީސްކޫލް ޓީޗަރުންނަށް އިރުތުގަޑި ކަނޑާލާފައިވާކަމަށާއި، އެފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ކޮށް ނިންމުމަށް އަންގާފައިވާކަމަށް "ވަގުތު" އާއި ވާހަކަދެއްކި ޕްރީ ސްކޫލް ޓީޗަރަކު ވިދާޅުވިއެވެ. ޕްރީ ސްކޫލް ޓީޗަރުން ލައްވައި އިތުރުގަޑީގެ މަސައްކަތް ނުކުރުވުމަށް އަންގައި އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވާފައިވާ މެސެޖްގެ ކޮޕީއެއް ވަގުތަށް ވަނީ ލިބިފައެވެ.
ވަގުތު އާއި ވާހަަ ދެއްކި ޕްރީ ސްކޫލް ޓީޗަރުން ވިދަޅުވީ އެފަރާތްތަކަކީ ނުހަނު ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި، މަންހަޖަށް އައި ބަަދަލާއެކު ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ސިލަބަސްވެސް ވަރަށް ބޮޑުވެފައިވާކަމަށެވެ. އަދި ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ތައްޔާރު ކުރުމަށްވެސް ގިނަ ވަގުތު ހޭދަވާކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
"އަޅުގަނޑުމެންނަށް ލިބިފަ އޮންނަ ހަ ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭ، އެހާވެސް ބޮޑު މަންހަޖެއް ފައުންޑޭޝަން ސްޓޭޖްގަ މި އޮންނަނީ." - ޕްރީ ސްކޫލް ޓީޗަރެއްގެ ކަންބޮޑުވުން ފާޅުކުރިއެވެ.
"މިހާރު އަޅުގަނޑުމެންނަށް އެބައޮތް ކަނޑައަޅާފަ ވަކި ވަގުތު ތަކެއް، ޕްރީ ސްކޫލް ހިންގުމުގެ ޤަވާއިދުގަ އެބައޮތް ވަރަށް ސާފުކޮށް ބުނެފަ ޓިޗަރުން މަސައްކަތް ކުރަންޖެހެނީ މިވެނި ވަގުތު ތަކުގައޭ. އެހެން ނަމަވެސް އަޅުގަނޑުމެން ލައްވާ މި މަސައްކަތް ކުރުވަނީ އެގޮތަކަށް ނޫން"- ޕްރީ ސްކޫލުތަކުގެ މަސައްކަތުގެ ބުރަދަނާއި ބެހޭގޮތުން ޕްރީ ސްކޫލް ޓީޗަރަކު ވިދާޅުވިއެވެ.
ޕްރީ ސްކޫލް ޤަވައިދު ބުނާގޮތުގައި ޕްރީސްކޫލް ޓީޗަރުން ހަގަޑިއިރު މަސައްކަތް ކުރަންޖެހެއެވެ. އަދި މި ވަގުތުގެ ތެރެއިން 45 މިނެޓް ބްރޭކަށް ލިބޭއިރު ސެޝަން ބްރޭކަށް 15 މިނެޓް ލިބެން ޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ މުދައްރިސެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ތިން ގަޑިއިރާއި، މުދައްރިސެއްގެ އެހީތެރިއެއްގެ ގޮތުގައި ދެގަޑިއިރު އަދި ކިޔަވައިދިނުމަށް ތައްޔާރު ވުމަށް އެއް ގަޑިއިރެވެ.
އެފަރާތްތަކުން ބުނީ ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ޕްރީސްކޫލް ޓީޗަރުންގެ ކޮންޓްރެކްޓް ހެދުމުގައިވެސް ތަފާތު ކުރުންތައް އެބަހުރި ކަމަށެވެ. ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރައަށް 5000 ރުފިޔާ ލިބޭކަމަށާއި، އެނޫން ފަރާތްތަކަށް ލިބެނީ 4000 ރުފިޔާ ކަމަށްވެސް ޕްރީސްކޫލް ޓީޗަރުން ބުނެއެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިތުރި ގަޑި ކަނޑާލަން އަންގާފައި ވުން. އެބޭފުޅުން ފޮނުވާފައޮތް ސާރކިއުލާގަ އެބައޮތް ވަރަށް ސާފުކޮށް ބުނެފަ ޕްރައިމަރީ، ސެކަންޑްރީ ޓީޗަރުން މަސައްކަތް ކުރާ ވަގުތު ތަކުގައެއް ނޫނޭ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ"- އިތުރުގަޑީގަ މަސައްކަތް ނުކޮށް، ކިޔަވައިދިނުމުގެ ތައްޔާރީތައް ނިންމުމަށް ދަތިވާކަން ހާމަކޮށް ޕްރީ ސްކޫލް ޓީޗަރަކު ވިދާޅުވިއެވެ.
މީގެ ކުރިން އިތުރު ގަޑީގައި ދެތިން ގަޑިއިރު މަސައްކަތް ކުރާ ކަމަށާއި، ސްކޫލް ހިންގުމާއި ހަވާލުވެ ތިއްބަވާ ޕްރިންސިޕަލުންނަށްވެސް އެބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކާއި އެމަސައްކަތްކަކުގެ ބުރަކަން އެނގިވަޑައިގަންނަވާނެ ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
"ޓީޗިންގ އެއިޑްސް ތައްޔާރުކުރުމަށްވެސް ވަރަށް ގިނަ ވަގުތު އެބަ ހޭދަކުރޭ. ސްކޫލްގަ ތިއްބަވާ އިސްވެރިންނަށްވެސް އެކަން އެނގިލައްވާނެ"- އިތުރު ވަގުތު ބޭނުންވަނީ ކީއްވެގެންކަން ޕްރީ ސްކޫލް ޓީޗަރަކު ހާމަކުރެއްވިއެވެ.
މި ނިންމުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުގައި އެފަރާތުން ފޯނަށް ޖަވާބު ނުދޭތީ އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ޕްރީ ސްކޫލް ޓީޗަރުންގެ އިތުރު ގަޑި ކަނޑާލުމުން، ކަންބޮޑުވުން ފާޅުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ