އެމްޑީޕީގެ މުޅި އަސާސްތައް ބިނާވެގެންވަނީ ދޮގު ހަދާ އޮޅުވާލުމުގެ މައްޗަށް: ނިހާން

އެމްޑީޕީގެ މުޅި އަސާސްތައް ބިނާވެގެންވަނީ ދޮގު ހަދާ އޮޅުވާލުމުގެ މައްޗަށް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސްޓޯކް" ޕޮރްގުރާމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީގެ މުޅި އަސާސްތައް ބިނާވެގެންވަނީ ދޮގު ހަދާ އޮޅުވާލުމުގެ މައްޗަށް ކަމަށާއި އެމްޑީޕީން އަންނަ އެއްވެސް ކެންޑިޑޭޓަކު ތެދެއް ނަހަދާނެ ކަމުގައެވެ. ވަރަށް މަދު ވައުދުތަކެއް ފިޔަވައި، ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދުތަކަކީ ރައްޔިތުންނަށް އޮޅުވާލުމާއި، ވޯޓު ހޯދުމަށް ހެދި މަކަރެއްކަމުގައި ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދެއް ރައްޔިތުނަށް ފުއްދައެއް ނުދެއްވާނެ ކަމަށާއި އަދި މިހާތަނަށް ސަތޭކަ ޕަސެންޓްގެ ތެރެއިން ވިހި ޕަސެންޓް ވައުދުވެސް ފުއްދިފައި ނުވާކަމުގައެވެ. ނިހާން ވިދާޅުވީ ސައިކަލުތައް ޕާކުކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ، އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ނަމަވެސް މިހަފްތާގައި އެކަނިވެސް ޕާކުކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން މިލިޔަނެއްހާ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމުގައެވެ.
ނިހާން ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށާއި އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެމްޑީޕީއަށް އެންމެ ރަނގަޅަށް ކުރެން އެނގޭ ކަމަކީ އާއްމު މަސްލަހަތު ނަގާލުމާއި މުޒާހަރާ ކުރުންކަމުގައެވެ. އޭނާ މިހެން ވިދާޅުވީ މިމަހުގެ 23ވަނަ ދުވަހު ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހްމަދު ރިޝްވާނުގެ މައްސަލާގައި އިންސާފު އަވަސްކޮށްދެއްވުމަށް އެދި ކުރި މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމުން އެކަމަށް އިޝާރާތްކުރައްވައެވެ. ނިހާން ވިދާޅުވީ އެކަމަކީވެސް ރިޔާސީ ވައުދުގެ ތެރެއިން އެމްޑީޕީންވީ ވައުދެއް ކަމަށާއި ނަމަވެސް އެ ވައުދު ނުފުއްދުނު ކަމަށެވެ.
ނިހާން ވަނީ އެ އާއިލާތަކާއެކު ރައީސް ސޯލިހު ހިނގާލުމުގައި ބައިވެރިވެވަޑައިގަތުން އެއީ ޑްރާމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. ނިހާން ވިދާޅުވީ އެފަދަ ކަންކަމުގައި އިންސާފު ހޯދައިދިނުމަށްޓަކައި ރައީސަށް ވަކާލާތު ކުރެއްވޭނެ ކަމަށާއި ކަމާބެހޭ އިދާރާތަކަށް އެ މައްސަލަތަކަށް އަވަހަށް އިންސާފު ހޯދައިދިނުމަށް ގޮވައިލެއްވޭނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ