ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް ޕީޖީން ސުޕްރީމް ކޯޓުގައި އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅުކަމަށް ކަނަޑައަޅައިދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ދަޢުލަތުން ވަނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
މިއަދު ބޭއްވި މި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ ބާތިލުކުރީ އެ މައްސަލާގައި ވުޖޫދުގައިވާ ހުރިހާކަމަކަށް ބަލައިގެން ނޫންކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝަސް ކޮމާޝަލް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތައް ވެސް ފްރީޒުކުރުމަށް އެދިފައެވެ. އޭގެއިތުރަށް އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް ވަނީ އެދިފަ އެވެ.
ދަޢުލަތުން ބުނީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކުރަން ކުރި ހުކުމް ބާތިލު ކުރުމުގެ ސަބަނުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ގަބޫލުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ރަނގަޅު އަމުރެއްކަމަށް ކަނޑައަޅައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަ ކޮށްދިނުމަށް ވެސް ޕީޖީ އެފީހުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. އެގޮތުން މޮނީޓާ ކުރުމުގެ އަމުރާއި އެކައުންޓް ފްރީޒުކުރުމުގެ އަމުރު އެކުއެކީގައި ހުށަހެޅުމަށް އެ މާއްދާ ހުރަސް ނާޅާ ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.
މި މައްސަލާއިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންވަނީ ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ. ދައުލަތުން އެގޮތަށް އެދުނުނަމަވެސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ނެރުނު އަމުރުގެ މުއްދަތު ހަމަވެފައިވާކަން ޔާމީންގެ ވަކީލުވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ