މެންބަރުކަން ކޮށްފައިވާ މީހުންނަށް ވީއައިޕީ ސާވިިސް ލިބޭގޮތަށް ހުށަހެޅި އިސްލާހު މުސްތަފާ ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ވީއައިޕީ ސާވިިސް ލިބެން ޖެހޭގޮތަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލު އަނބުރާ ނަގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް، ފުރުސަތު ހޯއްދެވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ނެންގެވުމަށް ކަމަށާއި، އެ އިސްލާހު ނެންގެވިކަން ރައްޔިތުންނަށް އެންގެވުމަށް ކަމަށެވެ.
އަދި ސަރުކާރުން އެއްވެސް އިނާޔަތެއް އަދި ހިމާޔަތެއް ބޭނުން ނޫން ކަމަށާއި އަދި ސަރުކާރުން އިނާޔަތެއް ނުވެސް ލިބޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާއަށް މުސްތަފާ ހުށަހަޅުއްވާފައިވަނީ، އެ މާއްދާގެ (ކ)ގެ ފަހަތަށް، ރައްޔިތުންގެ މަޖީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއަޕީ ސާވިސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެކަމަށް ބުނާ އަކުރުގެ ގޮތުގައި (އ) އިތުރު ކުރުމަށެވެ.
މުސްތަފާގެ އިތުރުން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުވެސް ވަނީ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ.
އޭގެ ތެރޭގައި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް، މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށާއި، މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުންނަމަ މި ހެލްތު އިންޝުއަރެންސް ސްކީމަށް، ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދީން ބައިވެރި ކުރެވެން ވާނެ ކަމަށް އިސްލާހުގައިވެއެވެ.
އަދި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި، ފިރިމީހާ އަދި އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަން ވާނެ ކަމަށްވެސް ހުށަހަޅާފައިވެއެވެ.
މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މެންބަރުކަމުން ވަކިވާ ހިސާބުން ފެށިގެން ދޭނެ ޖެހޭނެ ކަމަށްވެސް ލަތީފް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ.
މިހާރު އޮންނަގޮތުން މި އިނާޔަތްތައް ލިބޭނީ މެންބަރުކަމުން ވަކި ވިޔަސް އުމުރުން 55 އަހަރު ފުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ