އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބައުޅޭ، ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ދާނަން: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް ހިނގާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހައަޅުއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޓްރަމްޕް މިއަދު ވިދާޅުވީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާ ކަމަށެވެ. އެހެންކަމުން ވޯޓު ހުއްޓުމަކަށް ގެނައުމަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައިވަނީ މި އިންތިހާބަކީ އޭނާއާއި ދެކޮޅަށް ކުރިއަށްދާ އިންތިހާބެއް ކަމާއި މެއިލް-އިން ވޯޓިން ކޮރަޕްޓުވެފައިވާ ކަމަށެވެ.އެމެރިކާގައި މިފަހަރު ގިނަ ބަޔަކު ވޯޓުލާފައިވަނީ މެއިލް މެދުވެރިކޮންނެވެ. ޓްރަމްޕް ބޭނުންފުޅުވަނީ މެއިލް މެދުވެރިކޮށް ކުރިއަށްގެންދާ ވޯޓުތައް ހުއްޓުމަކަށް ގެނައުމަށެވެ.
ކޮންމެ ހަތަރަކުން އެއް އަހަރު އޮންނަ އެމެރިކާގެ އިންތިޚާބުގެ ނަތީޖާ އަދި އިއުލާންކޮށް ނުނިމެ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ ޓްރަމްޕާއި ވާދަކުރައްވާ ކެންޑިޑޭޓް ޖޯބައިޑެން އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ބައިޑެންއަށް 235 ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 213 ވޯޓެވެ.
މިލިއަނުން މިލިއަނުން ވަނީ ވޯޓު ދީފައި. އެހެން ނަމަވެސް ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމުގެ މަސައްކަތް ބައެއް މީހުން ކުރަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަން.
- ޑޮނަލްޑް ޓަރަމްޕް
މިއަދު ހަވީރުގެ ވަގުތެއްގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ތައްޔާރުވަމުން ގެންދަވަނީ ލިބިވަޑަިގަންނަވާނެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރައްވަން ކަމަށް ވެސް ވިދާޅުވި އެވެ.
ތައްޔާރުވަމުން މި ދަނީ ވަރަށް ބޮޑަށް ކާމިޔާބީ ފާހަގަ ކުރުމަށް. ހުރިހާ ހިސާބަކުން މިދަނީ ކާމިޔާބު ވަމުން.
- ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ވިދާޅުވީ އެގޮތުން އޭނާ މިހާރު ކުރި ހޯއްދަވާފައިވާ ސްޓޭޓުތަކުގެ ތެރޭގައި ފްލޮރިޑާ، އޮހަޔޯ، ޓެކްސަސް، ޖޯޖިއާ، ނޯތު ކެރޮލައިނާ، މިޝިގަން ހިމެނިވަޑައިގަންނަވައެވެ. އެކަމަކު ކުއްލިއަކަށް ހުރިހާކަމެއް ވެސް ހުއްޓުމަަކަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
އިލެކްޓޯރަލް ކޮލެޖްގައި ހިމެނެނީ 538 މެމްބަރުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އިލެކްޓޯރަލް ކޮލެޖްގެ ދެ ބައިކުޅަ އެއްބައި ވޯޓު ކަށަވަރުކުރަންޖެހެއެވެ. އެއީ މަދުވެގެން 270 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ