އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތަށް އުމަރު ހާޒިރުވެވަޑައިގެންފި
ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މަރުކަޒަށް ވަނުމަށް ގޮވާލި މައްސަލައިގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޖިނާއީ ދައުވާގެ ޝަރީއަތަށް އުމަރު މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގެންފި އެވެ.އުމަރުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ވަނުމަށް ގޮވާލި މައްސަލައިގަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުން މިއަދު 10:00 ޝެޑިއުލްކޮށްފައިވެ އެވެ.ހޯމް މިނިސްޓަރު އުމަރު ނަސީރު ކޯޓަށް ވަޑައިގަންނަވަނީ: އުމަރުގެ މައްޗަށް ކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ.-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް އެމްއެމްއޭ ސަރަހައްދުގައި ހުންނަވައިގެން އޭރު އުމަރު ގޮވާލައްވާފައި ވަނީ ސިފައިންގެ މަރުކަޒުގެ ބޭރުގައި ހަރުގަނޑު ލައްގައިގެން އެތަނަށް މީހުން ވަނުމަށެވެ.އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. ނަމަވެސް އޭރު އުމަރު ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ.މީގެ އިތުރުން، އެ މައްސަލައިގައި އުމަރު ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ