އަޅުގަނޑަށް ކުރަނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތު: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު ގާސިމް އިބްރާހިމް، ރޭ ފުލުހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުމުގެ ތުހުމަތުގައި ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރޭ 8:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު 12:00ގެ ފަހުން ފުލުސް އޮފީހުން ނިކުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
ގާސިމްއާއި މެދު މި ތުހުމަތު ކޮށްފައިވާއިރު ަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު، އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެ ވާހަކަތަކަކީ ޖުމްހޫރީ ޕާޓީއާއި ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ މައްސަލައަކީ މީހަކު ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި ތަހުގީގުގައި ބަޔާންދީ އަދި އެ ބަޔާނުގައި ސޮއިވެސް ކޮށްފައިވާނެ ކަމަށެވެ. ތަހުގީގު ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި ކަމަށާއި ފުލުހުންގެ ފަރާތުން ފެނުނު ކަންކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އަދި ފުލުހުން އަދާކުރީ ގާނޫނީ ޒިންމާ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ