އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންފި
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ރަސްމީކޮށް ވަކިވިކަން ސިޓީ އަކުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދަންނަވައިފިއެވެ. އަބްދުﷲ ރިޔާޒު ސޮއި ކުރައްވައި ގާސިމް އިބްރާހީމަށް ފޮނުއްވެވި ސިޓީގައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމަވާފައިވާތީ މިއަދުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވި ވާހަކަ ދަންނަވާ ކަމަށެވެ. ސިޓީގައި އިތުރަށް ބުނެފައިވަނީ މި ފުރުސަތުގައި ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިހްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަބްދުﷲ ރިޔާޒަކީ އެ ޕާޓީގެ ނައިބު ލީޑަރުވެސް މެ އެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޕޮލިސް ކޮމިޝަނަރުކަމުން ރިޓަޔާ ކުރެއްވުމަށްފަހު އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި މަޖިލީހުގެ ހަތަރު މެމްބަރަކު ހިމެނޭ ގޮތުން އުފައްދާ ސިޔާސީ ޕާޓީއަށް މިހާރު ވަނީ 3،000 މެމްބަރުންވެސް ހަމަކޮށްފައެވެ. އަބްދުﷲ ރިޔާޒު މަަޖިލީހަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ރިޔާޒު ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ