ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކާއި ގުޅިގެން، ޝަރީއަތް ނިމެންދެން އެ ދެ ބޭފުޅުން ޖަލުގައި ބަނދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ބާތިލް ކޮށްފި އެވެ.
މުހުތާޒު މުހުސިނާއި ނިހާނުގެ މައްޗަށް ނެރެފައިވާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރިނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް އެމައްސަލާގައި ދައުވާކުރި ޓެރަރިޒަމް ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި ގުޅިގެން އެ ދެ ބޭފުޅުން ތިއްބަވަން ޖެހިފައިވަނީ ޖަލުގަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އަދި ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް ކުރި އެވެ. އޭގެ ތެރެއިން ޓެރެރިޒަމްގެ ދައުވާގެ ނިންމައި ކްރިމިނަލް ކޯޓުން ވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފަ އެވެ.
"ވަކި އަސްލެއްއޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާއެއް މުހުތާޒުއާއި ނިހާނުގެ މައްޗަށް ކުރަމުންދާއިރު، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާ މުހުތާޒުއާއި ނިހާނުގެ މައްޗަށް ކޮށްފައި ވެއެވެ.
އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުން" ދައުވާ ކޮށްފައި ވެއެވެ.
މުހުތާޒު އާއި ނިހާނުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި ޓެރަރިޒަމުގެ ދައުވާގަ އެެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މި ދެ ބޭފުޅުން 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ އެކޯޓުގައި މިހާރު ކުރިއަށްދާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ މުހުތާޒު އާއި ނިހާނު އާ ދެ ބޭފުޅުންގެ އެއްހާޒިރެއްގައި ބޭއްވި އެއް އަޑުއެހުމެއްގަ އެވެ. އެ ދެ ބޭފުޅުންނަށް ހުކުމް ނުކޮށް ހުރި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން މި ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް މީގެކުރިން އެކޯޓުން ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް ދައުލަތުން ވެސް އެދިފައިވާއިރު، ކްރިމިނަލް ކޯޓުގައި އެ ދެބޭފުޅުންގެ މައްޗަށް މިހާރު ކުރިއަށްދާ ދައުވާތަކަކީ އެންމެ ރަނގަޅު ދައުވާތަކެއް ނޫން ކަމަށް ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވެ، އެ ދައުވާތަކަށް އަވަސް ހުކުމެއް އިއްވައިދިނުމަށްވެސް އެދިފަ އެވެ.
ނަމަވެސް މުހުތާޒާއި ނިހާނުގެ ބަންދުގެ މުއްދަތުތައް ކްރިމިނަލް ކޯޓުން ބާތިލު ކުރިނަމަވެސް ދައުވާތަކެއް ބާތިލެއް ނުކުރެ އެވެ.
މުހުތާޒުއާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި ކަފާލާތުގެ ދަށުން އެ ދެ ބޭފުޅުން ދޫކޮށްދިނުމަށް އެދުމުން، ހައިކޯޓުން ވަނީ އެ ދެ ބޭފުޅުން ދޫކޮށްދެވެން ނެތްކަމަށް ނިންމާފަ އެވެ.
ގާޒީ ނިހާން ހައްޔަރު ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން މުހުތާޒު ވަކިކުރައްވާފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭރުގެ ނާއިބު ރައީސް ހައްޔަރު ކުރުމަށް ފަހު، ހިނގާދިޔަ ކަންތައްތަކާއި ގުޅިގެންނެވެ. ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރައްވާފައިވަނީ އަދީބުގެ ނުފޫޒުން ކަމަށް އޭރު ވާހަކަ ދެކެވިފައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މުހުތާޒުއާއި ގާޒީ ނިހާނުގެ ބަންދުގެ އަމުރުތަކެއް ކްރިނަލް ކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ