މައްސަލަ ބަލާތީ ބޮޑު އިއްތިހާދު ސިއްސައިގެން

އިންތިޚާބަށްފަހު އެ އިންތިޚާބުގެ ފަހަތުން ރޭވުނުކަމަށް ބުނާ ބައެއް ކަހަލަ ކަންކަމުގެ ވާހަކާއި އެފަދަ އަޑުތައް ދަނީ ގިނަ ވަމުންނެވެ. ހުވާ ކުރުމުގެ ކުރީން ވެރިކަން ކޮށް އަދި މަޤާމުތައްވެސް ބަހާފައިވާކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވޭ މި ދަނޑިވަޅުގައި އިވޭ އެފަދަ ކޮންމެ އަޑަކުން، ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއް އެއްކޮށްގެން ހެދި މާސިންގާ ކޯލިޝަނުންވެސް ދަނީ ސިއްސައިގެންނެވެ. މައްސަލަ ބެލުމަށް އެޅެން އޮތް ހުރިހާ ހުރަހެއް އަޅައި އެކަން ހުއްޓުވުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާ އެފަރާތްތަކުން ތިބީ ތައްޔާރަށެވެ.
އެގޮތުން އިންތިޚާބުގެ މައްސަލައެއް ބަލަން ފަށާފައިވާ މި ދަނޑިވަޅުގައި އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އެދިލައްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުތުރުކޮށް ނޫޅުއްވުމަށް ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ މިއަދު ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގެ މި މައްސަލަ ބެލުމަކީ އަހުލާޤު ދަށް، ހުތުރުކަމެއް ކަމަށް ދޭހަވާ ގޮތަކަށް މާރިޔާ މިއަދު ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ޢަމަލުތައް ހުރީ ވެރިއެއްގެ އަޚުލާގީ މިންގަނޑު ހުންނަން ޖެހޭ މިންގަނޑަކު ނޫން ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ، ވޯޓުލުން ނިމުނުތާ ގިނައިރެއް ނުވެ ވަރަށް އަވަހަށް އިއުލާނުކޮށްފައިވާއިރު، އެ ނަތީޖާ އާއި އެކުވެސް ރައީސް ވެރިކަމުން ދުރުވެވަޑައިގަތުމަށް ގޮވާލާ އެރޭގެ ދަންވަރު އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ކުއްލި އެއްވުމެއް ބާއްވައިގެން ބަޔަކު ހޭލާ ތިއްބެވެ. ޖެހިގެން އައި ދުވަހު އެ ވޯޓުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އިންތިޚާބުގެ ވޯޓުލުން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ މިންވަރު ހާމަވެ އެފަދަ އެތައް މައްސަލައެއް ފެންމަތިވެ، އެކަމަށް ހެކިދޭ ކަންކަން ވެސް ވަނީ ފަޅާއަރާފައެވެ. އެއާއި އެކު ރައީސް ޔާމީނަށް ވޯޓުދެއްވި ރައްޔިތުން ވަނީ އެކަން ބަލައި ތަހުޤީޤުކޮށްދިނުމަށް ގޮވާލާއި އަޑުއުފުލާފައެވެ.
ރިޔާސީ އިންތިޚާބަށް ފަހު ޖެހިގެން އައި ދުވަހު، އެ އިންތިޚާބަކީ ޤާނޫނާއި ޚިލާފަށް ކުރިޔަށްގެންދިޔަ އިންތިޚާބެއް ކަން ހާމަކުރައްވާ އިންތިޚާބުގެ ނަތީޖާ އާއި މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ ސުވާލުތަކާއި އެކުވެސް ޤާނޫނާއި ޚިލާފު ކަމަށް ބުނި އެ އިންތިޚާބުން ކުރި ލިބުމުން އެދުވަހު އޭނާ ވިދާޅުވީ އެއީ ލިބުނު މޮޅެއް ކަމުގައެވެ. އެ އިންތިޚާބުގެ ނަތީޖާ އިންސާފުވެރި ނޫންކަމަށް ވިދާޅުވެ އޭނާ ވާހަކަ ދެއްކެވި ނަމަވެސް، ދާއިމީ ނަތީޖާ އިއުލާނު ކުރުން، އަވަސް ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ހަސަން ލަތީފު ހިމެނިވަޑައިގަންނަވައެވެ.
"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރިކަމާއި އެކު އިންތިހާބު ބޭއްވި ކަމަކަށް. އަދިވެސް ގަބޫލެއް ނުކުރަން. ވަރަށް ގިނަ ސަބަބުތަށް އެބަހުރި. އާދެ އިލެކްޝަން ކޮމިޝަން އިން ޤާނޫނާއި އެއްގޮތަކަށް ނޫން އެ ކަންތައްތައް ކުރައްވާފައި އެހުރީ،" ވޯޓަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.
އިންތިޚާބު އޮޅުވާލިކަމަށް ބުނާ މައްސަލަތައް ހާމަވެ ހޫނުވާން ފެށުމާއި އެކު އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ސިއްސައިގެން ގޮސް، ސީދާ ހަރަކާތްތަކަށް މަގުތަކަށްވެސް ނިކުމެފައެވެ. އަދި ނަތީޖާ ޤަބޫލުކުރެއްވުމަށްފަހު ރައީސް އިންތިޚާބާއި މެދު ސުވާލު އުފައްދަވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓާއި ގުޅިގެން ފެންމަތިވި ޝަކުވާތަކާއި މައްސަލަތަކުގެ ވާހަކައިގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކޮށްފައެވެ. ހަމަ އެހެންމެ ޝަކުވާތަކަށް ބެލުމެއް ނެތި އިއުލާނުކުރެވުނު ވަގުތީ ނަތީޖާއާއި އެކު ބޭރުގެ ޤައުމުތަކުގެ ވެރިންނަށް އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދަނީ ދަޢުވަތު އަރުވަމުންނެވެ.
އިއްޔެ އެ މައްސަލަ ކޯޓަށް ވެއްދުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ތަރުޖަމާން މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ ބުނާ ގޮތުން ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތަށް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވޯޓު އޮޅުވާލައި ރައްޔިތުންގެ އެ ހައްޤަށް އުނިކަން ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އަދި އިދިކޮޅު އެހެން ބޭފުޅުންވެސް އަދި ރައްދެއް ނުދެއްވައެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ރޭގެ ވަގުތެއްގައި ކޯޓުން ވަނީ މައްސަލައި ބަލައިގެންފައެވެ. އަދި މި ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެ ކޯޓުގައި ވަނީ ބާއްވާފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ޚިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ. އެއާއި އެކު ޤާނޫނާއި ޚިލާފަށް ބޭއްވިކަމަށް އެމްޑީޕީން ބުނާ މި ރިޔާސީ އިންތިޚާބުގެ ނަތީޖާ ދިފާޢު ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބޭރު ޤައުމުތަކުގެ މަދަދަށްވެސް އެދެމުންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.
މި އިންތިޚާބުގެ ސައްޙަކަމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާއިރު، މިފަހަރުގެ އިންތިކާބުގައި ރިޝްވަތު ނަގައިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މީގެ ކުރިން ވިދާޅުވީ، ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ