އައިވައިޑީ ކަޕް 2018 ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ހައްދުންމަތި އިސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިންތިޒާމުކޮށްގެން ދާއިރާއަށް ހުޅުވާލައިގެން ބާއްވާ 6 ވަނަ އައިވައިޑީ ކަޕުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ޕޯސްޓް ބިލްޑިންގެ ޕޮސްޓޯރިއަމްގައި ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. މީގެއިތުރުން މި ހަފުލާގައި އައިވައިޑީ ޖަމިއްޔާގެ ރައީސް އަހުމަދު ހަނީފާއި ޖަމިއްޔާގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އަލީ ހަމީދެވެ. މި އެއްބަސްވުމުގައި މެއިން ސްޕޮންސަރާއެކު ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހަނީފެވެ. މުބާރާތުގެ އޮފިޝަލް ޑްރިންކް ޕާޓްނަރަކީ ޑަބްލިއު އެންޑް އޭ އޯވަސީސް އެވެ. މި އެއްބަސްވުމުގައި ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ މުހައްމަދު އިޝާމެވެ. ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޖުހަދު ޒުހެއިރެވެ.
މުބާރާތުގެ މެޑިކަޕް ޕާޓްނަރަކީ މެޑި ޕްރޯއެވެ. މި އެއްބަސްވުމުގައި ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ އަލީ ތައުފީގެވެ. މެޑި ޕްރޯގެ ފަރާތުން ސޮއިކުރެެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ މުހައްމަދު އިރުފާނެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖެހިފައިވަނީ ވީ މީޑިއާ އެވެ. މި އެއްބަސްވުމުގައި ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ހިންގާ ސެކްރެޓަރީ އަހުމަދު ނިޒާމެވެ. އަދި ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ އަހުމަދު އުމަރެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި މިއަހަރު އައިވައިޑީ ކަޕް 2017 ގެ އުސްއަލިތައް ނަމުގައި ހާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ. މި ފޮތް ނެރެދެއްވާފައިވަނީ ޝަރަފްވެރި މެހެމާނު ކާނަލް ނާޒިމެވެ. މި ހަފުލާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާނު ކާނަލް ނާޒިމް ވިދާޅުވީ މިއީ ދާއިރާގެ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށާއި މި މުބާރާތަކީ ވަރަށް ކާމިޔާބު އަދި ދާއިރާއަށް ގިނަ ފައިދާތަކެއް ކުރާ މުބާރާތެއް ކަމަށެވެ.
ވީ ސްޕޯޓްސްއާއި ވާހަކަދައްކަވަމުން އައިވައިޑީ ޖަމިއްޔާގެ ރައީސް އަހުމަދު ހަނީފް ވިދާޅުވީ މި މުބާރާތަކީ މާލޭގައި ބާއްވާ ބޮޑު މުބާރާތްތަކާއި އެއް ފެންވަރެއްގެ މުބާރާތެއް ކަމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 ވަނަ ދުވަހުގެ ރޭގަނޑު އެވެ. ހަނީފު ވިދާޅުވީ މުބާރާތުގެ ކުރިން އެ ދުވަހުގެ ހަވީރު ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަވީރުގައި ގައުމީ ޓީމުގެ ދެތިން ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ