އަމީރު އަހުމަދު ތަރައްގީކުރަން އެންމެ ފަހުން ހުއްދަ ދީފި
މި އަހަރު ފެށުނީއްސުރެ ވަގުތީ ހުއްދައެއްގެ ދަށުން ހިންގަމުން އަންނަ އަމީރު އަހުމަދު ސްކޫލު ތަރައްގީ ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެންމެ ފަހުން މިއަދު ހުއްދަ ދީފި އެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމީރު އަހުމަދު ސްކޫލު ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން އެތަން އައިލެންޑާސްއާ ހަވާލުކުރި އިރު، ކޮރަޕްޝަނަށް ފަހިވާ ކަންތައްތަކެއް ތުހުމަތުކޮށް ކޯޓަށް ހުށަހެޅުމުން ވަނީ ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަމުރެއް ނެރެފަ އެވެ. އެކަމަކު އައިލެންޑާސްއިން އެ ސްކޫލު ހިންގުމަށް ވަގުތީ ހުއްދައެއް ކޯޓުން ވަނީ ދޫކޮށްފަ އެވެ. އައިލެންޑާސްގެ ޗެއާމަން މަހުމާ އަބްދުއްރަޝީދު ވިދާޅުވީ އެތަން ތަރައްގީ ކުރުމުގެ ހުއްދައިގައި މިއަދު ސިޓީ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ. އެހެންވެ، އަމީރު އަހުމަދު ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީރުއަހުމަދުގައި ކިޔަވާ 800 ކުދިންނަށް އައިލެންޑާސް އިން ވަނީ އެ ސްކޫލާ ޖެހިގެން އޮންނަ ބިމުގައި ދެ ބުރީގެ އާ އިމާރާތެއް އަޅައިފަ އެވެ. އަބްދުއްރަޝީދު ވިދާޅުވީ އެ އިމާރާތަށް އަންނަ މަހުގެ ތެރޭގައި ދަރިވަރުން ބަދަލުކޮށް، ކިޔަވައިދޭން ފެށޭނެ ކަމަށެވެ. އަދި އެއަށް ފަހު ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އައިލެންޑާސްއިން ނިންމާފައި ވަނީ އަމީރު އަހުމަދާއި ހެންވޭރު އަވަށު އޮފީސް ހުރި ތަނުގައި ދިހަ ބުރީގެ ދެ އިމާރާތް އަޅާށެވެ. އަދި މިހާރު ސްކޫލުގައި ކިޔަވައިދޭ ބައި އިތުރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އަމީރުއަހުމަދު ހިންގަމުން އައީ އެ ކުންފުނިން ނަމަވެސް ސްކޫލަށް އެއްވެސް ތަރައްގީއެއް ނުގެނެވިފައިވަނީ ސްކޫލުގެ މައްސަލަ ވަކި ގޮތަކަށް ނިމިފައި ނެތުމުން ކަމަށެވެ. "އެކަމަކު މިހާރު ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ވެސް އެއްބަސްވެފައި ވަނީ އެ ދެ ފަރާތުން ވާހަކަ ދައްކައިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމުމަށް. އަދި މައްސަލަ ވަނީ ކޯޓުން ނަގާފައި،" އަބްދުއްރަޝީދު ވިދާޅުވި އެވެ. އަމީރުއަހުމަދު ހިންގުމަށް ހުއްދަ ނުލިބިގެން އެ ސްކޫލުގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަމާ އިހުތިޖާޖްކޮށް، މިދިޔަ ހަފުތާގައި ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ