ތިމަރަފުށިން ކަރަންޓް ކެނޑުމުން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފި

ތ. ތިމަރަފުށީގައި އިއްޔެ އިން ފެށިގެން ރަސްމީ ގަޑީގައި ކަރަންޓް ކަނޑައިގެންދާތީ ސްކޫލާއި ސަރުކާރުގެ ގިނަ އޮފީސްތަކެއްގެ ހިދުމަތް މެދުކަނޑާލައިފި އެވެ. ތިމަރަފުށީ ކައުންސިލްގެ ރައީސް އަހްމަދު ބުންޔާމީން މިއަދު ވިދާޅުވީ އިއްޔެ ހެނދުނު 10 އިން އިރުއޮއްސި 00: 6 އަށް ކަރަންޓް ކެނޑިފައިވާ ކަމަށާއި މިއަދު ވެސް ކަރަންޓް ނެތް ކަމަށެވެ. އޭގެ ސަބަބުން އޮފީސްތަކުން ހިދުމަތް ނުދެވޭތީ ބަންދުކޮށްފައިވާ ކަމަށާއި އާންމުންނަށް ވެސް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށެވެ. "ސްކޫލުގައި ވެސް ކިޔަވައިނުދެވޭ. ސަރުކާރުގެ އޮފީސްތަކުން ވެސް ކިހިނެއް ހިދުމަތް ދޭނީ. އަނެއްކޮޅުން މިއީ ގަސް މަދު ރަށަކަށްވުމުން ވަރަށް ހޫނު ވެސް ގަދަވާނެ،" ބުންޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރަންޓް ކެނޑޭ ސަބަބުން ބެލުމަށް އިންޖީނުގެ އަށް ކައުންސިލުން ގޮސް ބެލި އިރު ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކުވެފައިވާ ކަމަށާއި އަނެއް ދެ އިންޖީނު ވެސް ލޮނުގެ އަސަރުކޮށް ނަރުތަކާ އެއްޗެހި ބުރިވެފައިވާ ކަމަށެވެ. "އިންޖީނުގެ މި ހުންނަނީ ލޮނުގެ އަސަރުކުރާ ހިސާބުގައި. އޭގެ ސަބަބުން އިންޖީނުތައް ހަލާކުވެފައި ހުރީ،" އިންޖީނުގޭގައި ހުރެ ބުންޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޖީނުތައް ހަލާކުވެފައިވާ އިރު އެ ތަނުގައި މަސައްކަތްކުރާ 15 ވަރަކަށް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ވެސް ނުދޭ ކަމަށެވެ. އިންޖީނުގެ ހިންގަމުން އަންނަ ޔުޓިލިޓީސް ކުންފުނީގެ މެނޭޖަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ތަނުގައި އާންމުކޮށް ވެސް މުސާރަ ދެނީ ކޮންމެ މަހެއްގެ 10 ގައި ކަމަށާއި ނަމަވެސް ބައެއް މަސް މަހު އަވަސްވެ އަދި ލަސްވެސްވާ ކަމަށެވެ. އަދި މި މަހުގެ މުސާރަ މިއަދު ދެވޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޖީނުގެ އަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ޓީމުތައް ރަށްރަށަށް ޒިޔާރަތްކޮށް އިންޖީނުތަކުގެ މައްސަލަތައް ހައްލުކުރަމުން އަންނަ ކަމަށާއި ތިމަރަފުށީގައި ވެސް މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ. "ރޯދަ މަހު އެއްވެސް ވަރަކަށް ކަރަންޓް ކަނޑައިގެން ނުދާނެ ގޮތް ހެދުމަށް، ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް މިކުރަނީ. އެ ގޮތުން މި ދެ ދުވަހު ތިމަރަފުށިން ވަކި ގަނޑިއެއްގައި ކަރަންޓް ކަނޑައިގެން ދާނެ. އެކަމަކު މިއަދު އެކަން ނިމޭނެ،" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ