ގައުމުގެ މަސްލަހަތު ދަމަހައްޓަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަކަށް:ރައްޔިތުންގެ ގައުމީ ހަރަކާތް

ގައުމުގެ މަސްލަހަތުތައް ދަމަހައްޓަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށާއި ޖީއެމްއާރު އަތުން އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު އަތުލުމަކީ މިހާރު ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން އެއްވެގެން އުފައްދާފައިވާ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ނަލަހިޔާ ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުﷲ މުހައްމަދު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ އަޑު އަހާ ރައްޔިތުން ބޭނުންވާ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި އެގޮތަކަށް އެއިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ އަޑު މިކަމުގައި އިއްވަން. އޭރުން އެގޮތަށް އަމަލުކުރަން ޖެހިވަޑައިގަންނަވާނެ" އަބުދުﷲ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެހް އިމްރާނު އަބުދުﷲ ވިދާޅުވީ ރައްޔިތުންނަށް ބޮޑުވާ ކޮންމެ ކަމެއް އެއީ ވެރިމީހާ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ސަރުކާރުން ރައްޔިތުންގެ އެދުމުގައި ކޮޅުފައި ނުޖަހާނެ ކަމަށެވެ.
އެހެން ކަމުން އެއާރޕޯޓު އަނބުރާ ދިވެހިންނަށް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ