އަހުމަދު މުހައްމަދު ވެސް ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކަށް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ތެރޭގައި ޑީއާރުޕީގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރަކު ކަނޑައެޅުމަކީ މަޖިލީހުގެ ގަވައިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅުއްވާފައި ތިއްބެވި ފަސް މެންބަރުންގެ ތެރޭގައި އަހްމަދު މުހައްމަދު ހިމެނުއްވީ މުލަކު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެގޮނޑި ހުސްވެފައިވާތީއާ ޔާމީން ހުންނެވި މަގާމަށް ބޭފުޅަކު ހަމަޖައްސަވަންޖެހޭތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބް ރައީސް ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރަކު ތިއްބަވަން ވާނެ ކަމަށެވެ. އަދި އެބޭފުޅުން ކަނޑައަޅަންވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ކަމަށާއި، ބޭނުންވާ އަދަދަށް ވުރެ ގިނަ މެންބަރުން އެގޮތުން ޝަރުތު ހަމަވާނަމަ ފަސް ބޭފުޅުން ކަނޑައަޅާނީ އެބޭފުޅުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ބޭފުޅުންނަށް ބަލައިގެން ކަމަށެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް އެންމެ ގިނަ ދުވަސްވީ މެންބަރުންނަށް ބައްލަވާ އިރު ޝަރުތު ފުރިހަމަވާ ތިން މެންބަރަކު ތިއްބެވި ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެއީ އެމްޑީޕީގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާއި ޑީއާރުޕީގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދެވެ. މި ތިން ބޭފުޅުން ވެސް މަޖިލީހުގައި މެންބަރުކަން ކުރައްވާތާ މިއަދަށް 13 އަހަރާއި އަށް މަހާއި 26 ދުވަސް ވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން މިތިން ބޭފުޅުންގެ ތެރެއިން ރިޔާސަތު ބެލެހެއްޓެވުމަށް ޔާމީން ހުންނެވި މަގާމަށް އަހްމަދު މުހައްމަދު އައްޔަންކުރެއްވީ އުމުރުން އެންމެ ދޮށީ ބޭފުޅަކީ އޭނާ ކަމަށްވާތީ އެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ޔާމީންގެ އިތުރުން ކަނޑައަޅުއްވާފައިވާ ބޭފުޅުންނަކީ އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހާއި، ޑީއާރުޕީގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އާއި، އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ