ހާފިޒު އަހުމަދު ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާހެއް ހުޅުވައިފި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކްލާހެއް ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލްގައި ހުޅުވައިފި އެވެ.
މިއަދު މެންދުރު އެ ސުކޫލްގައި އޮތް ރަސްމިއްޔާތެއްގައި ކްލާސް ހުޅުވައިދެއްވީ، ފައިސަލް ފައުޑޭޝަންގެ ވެރިޔާ ފައިސަލް ނަސީމެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ޒަމާނުއްސުރެ ތަފާތު ނަޒަރަކުން އެކުދިންނާ ދޭތެރޭ ބައެއް ފަރާތްތަކުން ދެކޭ ކުދިންތަކެއް ނަމަވެސް އެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށާއި އެކުދިންނަށް މިހާރަށްވުރެ ގިނަ ފުރުސަތުތައް ހޯދައިދީ އެ ކުދިންނަކީ ވެސް މުޖުތަމައުގައި ބޭނުންތެރި ކުދި ބައެއްކަން އަންގައި ދޭން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އުއްމީދަކީ މިއަދު ހުޅުވުނު ކްލާސްރޫމަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހާއްސަ އެހީއަށް ބޭނުންވާ ކްލާސް ރޫމަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
ހާފިޒު އަހުމަދު ސުކޫލްގެ ޕްރިންސިޕަލް މަރިޔަމް ނާސިރު ވިދާޅުވީ، ކްލާސް ރޫމަށް ބޭނުންވާ ހުރިހާ ސާމާނު ހަދިޔާކޮށްފައިވަނީ ފައިސަލް ފައުންޑޭޝަނުން ކަމަށާއި މި ކުލާހަށް ކިޔަވައިދޭ ދެ ޓީޗަރުންނަށް ތަޖުރިބާގެ ދެ ދަތުރު ފައިސަލް ފައުންޑޭޝަންގެ ފަރާތުން ސިންގަޕޫރާއި މެލޭޝިޔާއަށް ހަމަޖައްސާދީފައިވާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވއިދިނުމަށް ސްޕެޝަން އެޑިއުކޭޝަން ނީޑް (ސެން) ހާފިޒު އަހުމަދު ސުކޫލްގައި ފަށާފައިވަނީ 2011 ގަ އެވެ. އެ ކްލާހުގައި 23 ދަރިވަރަކު ކިޔަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ