ސިންގަޕޫރުގައި މިރޭ އަވަހާރަވި ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ ހަރުދަނާ ޝަހުސިއްޔަތުން ނަމޫނާ ނަގައި އެ ފަދައިން ޝަހުސިއްޔަތު ބިނާ ކުރަން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދިވެހި ޒުވާނުންނަށް ގޮވަލައްވައި ޑރ. ސަމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މި މޭރުމުން އިޝާރާތް ކުރެއްވީ ސަމަދު އަވަހާރަވުމާ ގުޅިގެން މިރޭ ނެރުއްވި ތައުޒިޔާގެ ބަޔާނެއް މެދުވެރިކޮށެވެ. އޭގައި ވިދާޅުވެ އެވެ: "މަރުޙޫމް ޑރ. ސަމަދު ފަދަ ވަފާތެރި ހަރުދަނާ ދަރީން ނަމޫނާ އަކަށް ބަލައިގެން، ކުރިއަށް ދިއުމަށާ ޝަހުސއްޔަތު ބިނާކުރުމަށް ދިވެހި ޒުވާނުންނަށް މި ފުރުޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ،"
ގާސިމްގެ ބަޔާނުގައި ސަމަދަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނަވަނިކޮށް، އަވަހާރަވި ބޭފުޅެއް ކަމަށައި ސަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމަ އާއި ހިތްދަތިކަމާއެކު ކަމަށް ވިދާޅުވެފައި ވެއެވެ.
"... މަރުޙޫމް ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ އެމަނިކުފާނުގެޢިލްމާ، ޤާބިލްކަމާ، ތަޖުރިބާއަށް ބަލާއިރު، ދިވެހި ޤައުމަށް ނުހަނު އަގުހުރި ދަރިއެކެވެ. އަޅުގަނޑުމެންނާ އެމަނިކުފާނު ވަކިވެވަޑައިގެންނެވުމުން، ގައުމަށް ގެއްލިގެން އެ ދިޔައީ، ތޫނުފިލި ވިސްނުންތެރިއެކެވެ. މި ވަޠަނަށާ އަދި ބައިނަލްއަޤްވާމީ ދުނިޔެއަށް ޚިދުމަތްކޮށްދެއްވުމުގައި އަދި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ގިނަ ޒަމާންތަކެއް ވަންދެން މަސައްކަތްކޮށްދެއްވި އިޚްލާޞްތެރިކަމާ ހިތްހެޔޮކަމުގެ ނަމޫނާއެކެވެ،" ބަޔާނުގައި ވެއެވެ.
ގާސިމް ވިދާޅުވީ އުމުރުފުޅުން 67 އަހަރުގައި ސަމަދު އަވަހާރަވި އިރު، ދިރިއުޅުއްވުމުން މުޅީންވެސް ފެންނަން އޮތީ ރީތި އަހުލާގައި ހިތްހެޔޮ ކަމާއި މަޑުމައިތިރިކަން ކަމަށާއި ދިވެހި ދަރީންނަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި އެތައް މަގާމެއް ފުރިދާނެކަން ސާބިތުކޮށްދެއްވުމުގައި ކުރިއަށް ނެރުއްވި ހިތްވަރު ކަމަށެވެ. އަދ ވިދާޅުވީ ވަރަށް ހުތޫރަތްތެރި ދަނޑިވަޅެއްގައި ރާއްޖޭގެ ޚާރިޖީވަޒީރުކަމާ ހަވާލުވެ ވަޑައިގެން، ބައިނަލްއަގްވާމީ މަސްރަހުގެ އިތުބާރާ ތާއީދު ރާއްޖެ ހޯއްދަވައިދެއްވުމުގައި ސަމަދު އަޒުމާއި ސާބިތުކަން ދައްކަވާފައިވާ ކަމަށެވެ.
'... ޞަމަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުގެ ފުން ހިތާމަ އިޙްސާސްކުރަމުންދާ މި ދަނޑިވަޅު، އަޅުގަނޑުގެ ހަނދާނަށް އަންނަ އެއްކަމަކީ، ރޫސީ ވިލާތުގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު އުނގެނިވަޑައިގަތުމަށްފަހު، ރާއްޖެ ވަޑައިގެން، މާލޭގެ އޭރުގެ ގަވަމެންޓް ހޮސްޕިޓަލުގައި އެމަނިކުފާނު ޚިދުމަތްކުރައްވަން ފެށްޓެވި ދުވަސްވަރެވެ. އެ ހޮސްޕިޓަލްގެ އިދާރީ އަދި މާލީ ކަންކަން ހިންގައި ބެލެހެއްޓުމުގެ އިސް މަގާމެއްގައި އެދުވަސްވަރު އަޅުގަނޑަށް އުޅެން ޖެހުމުގެ ސަބަބުން ވަރަށް ގާތުން މަރުޙޫމް ޑރ. ޞަމަދާއެކު ވަނީ މަސައްކަތްކުރެވިފައެވެ. އެދުވަހު އަޅުގަނޑާއެކު އުފެދުނު ރަޙްމަތްތެރިކަން ބަދަހިކަމާ އިޙްސާންތެރިކަމާއެކު އެމަނިކުފާނުގެ މުޅި ޢުމުރުގައިވެސް ދެމެހެއްޓެވިއެވެ،" ބަޔާނުގައި ވެއެވެ.
ބަޔާން ނިންމަވާލައްވަމުން ގާސިމް ވަނީ ސަމަދުގެ އާއިލާއަށް ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ސަމަދުގެ ޝަހުސިއްޔަތުން ނަމޫނާ ނަގަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ