އަލީ ވަހީދު ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި

މޭޑޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް އަމުރުކުރީ، އަލީ ވަހީދު 15 ދުވަހަށް ބަންދު ކުރުމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން އިއްވި ހުކުމްގަ އެވެ. އަލީ ވަހީދުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑު އެހުން ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި އަޑުއެހުމުގައި އަލީ ވަހީދުގެ ވަކީލް ހުސްނުއްސުއޫދް ވިދާޅުވީ އަލީ ވަހީދުގެ ލިވާ އާއި ބެކް ބޯންގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ދަންވަރުގެ ވަގުތެއްގައިކަންވެސް ވަކީލް ވަނީ އިސްތިއުނާފްގެ އަޑުއެހުމުގައި ފާހަގަކުރައްވާފަ އެވެ.
އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ އެ ބޭފުޅުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ކޯޓުގައި ބުނުމާއި ގުޅިގެންނެވެ.
އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއިދު ކޮށްފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ދޫކޮށްލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައި އެވެ. އަދި މީގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށްވެސް ހައި ކޯޓުން ވަނީ ތާއިދު ކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ