ގާތިލުންނަށް އަދަބު ނުދެވޭތީ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

ގާތިލުންނަށް އަދަބު ނުދެވޭތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް،34، މަރާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ދެވަނަ ފަހަރަށް އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީހުން މަރާމީހުން ހައްޔަރުކޮށް ގާނޫނުގައިވާ ގޮތުގެމަތިން އަދަބު ދޭންޖެހޭ ކަމަށެވެ. އަދި މިހާތަށް ރާއްޖޭގައި މީހުން މެރި ގާތިލުން ކޮބައިތޯ މައުމޫން ސުވާލު ކުރެއްވި އެވެ.
"މީހުން މަރާ ހުރިހާ އެންމެން ހައްޔަރުކޮށް ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ދޭންޖެހޭ. ކޮބައިތޯ ޑރ. އަފްރާޝީމް، މުހީތު، ޕޮލިސް އާދަމް ހަލީމް އަދި އެހެނިހެން މީހުން މަރާލި ގާތިލުން،" މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.All murderers must be caught n punished according to law. Where are the killers of Afrashim, Muheeth, policeman Haleem n others?— Maumoon Abdul Gayoom (@maumoonagayoom) August 1, 2014
ގަސްދުގައި މީހަކު މަރާލި މީހާގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބު ކަމުގައި ގާނޫނުލް އުގޫބާތުގައި ވަނީ ބަޔާންކޮށްފަ އެވެ. ކީރިތިގުރުއާނުގައި މާތްﷲ އަންގަވާފައި ވަނީ ގަތުލް ކުރެވޭ މީހާގެ ހުރިހާ ވާރިސުން ވެސް ބޭނުންވާނަމަ އެމީހަކަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ. ބައެއް ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމުގައި ބުނާނަމަ ގާތިލްގެ ކިބައިން މަރުގެ ދިޔަ އަތުލެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި ވެއެވެ. އަދި ގާތިލަށް މައާފްދިނުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ގަތުލުވި މީހާގެ ވާރިސުންނަށް ކަމަށް ވެސް އިސްލާމީ ޝަރީއަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ރޯދަ މަސް ނިމުނު ފަހުން މިހާތަނަށް ރާއްޖޭގައި ހިނގި މާރާމާރީ ތަކުގައި 13 މީހަކު ޒަޚަމްކޮށްލައި، އެކަކު ވަނީ މަރާލާފަ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމައި ސަރުކާރުން ވަނީ އެކަމާ ގުޅޭ ގަވާއިދެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެ ގަވާއިދު ބުނާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމުންނެވެ.
ދަށު ކޯޓުން ނިމިފައިވާ ބައެއް މަރުގެ މައްސަލަތައް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓު މަރުހަލާ ނިމިފައި ނުވާތީ އެއިން އެއްވެސް މައްސަލައެއް މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ