މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑި ވެސް ގެއްލިއްޖެ

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަނަށް އެންގުމާ އެކު ދެ މެމްބަރުންގެ ގޮނޑި ވެސް ގެއްލިއްޖެ އެވެ.
ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް މިރޭ ވިދާޅުވީ އެ ދެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެ ދެ މެމްބަރުން އެ ޕާޓީން ވަކިކޮށް ދިނުމަށް މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޕީއެމާ ފަހުން ގުޅުނު އެ ދެ މެމްބަރުންނަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބްވި ދެ މެމްބަރުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ވެސް އެ ކޯޓުގެ ހުކުމުގައިވެ އެވެ.
ރަސްމީކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އެނގުމުންނެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އިކްރާމް ވިދާޅުވީ އެ ދެ މެމްބަރުންނާ ގުޅޭގޮތުން އެ ކޮމިޝަނުން އަދި ވަކިގޮތެއް ކަނޑަނާޅާ ކަމަށެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފަ އެވެ. މިގޮތަށް ނިންމީ މި މެމްބަރުން މާ ކުރިން ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނިކޮށް، އަލުން ސުކޫލީ މައްސަލަ ބަލައި ޕާޓީން ވަކިކުރުމުންނެވެ.
މި މެމްބަރުންނަކީ ޕީޕީއެމުން ވަކިވުމަށް ކުރިން ސިޓީ ވެސް ލާފައިވާ މެމްބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، އެއްވެސް މީހަކު ގަދަކަމުން ޕާޓީގައި ނުހިފެހެއްޓޭނެ އެވެ. އެހެންކަމުން ޕީޕީއެމުން ވަކިވާން މި މެމްބަރުން އަމިއްލަ އަށް ސިޓީ ހުށަހެޅުއްވި ހިސާބުން ޕާޓީން ވަކިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ