އައިޕީޔޫގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް އަބްދުﷲ ޝާހިދު ނިންމަވައިފި


އިންޓަރ ޕާލިމަންޓްރީ ޔޫނިއަން ނުވަތަ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ގުޅިފައިވާ އިއްތިހާދުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.
 
މީޑިއާއަށް މަޢުލޫތުދެއްވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިކަމުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުން ލިބިލައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އައިޕީޔޫގެ ރައީސްކަމުގެ މަގާމް ދިވެހިރާއްޖެއަށް ލިބިގެން ދިއުމަކީ ރާއްޖެއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަޚުރެއްކަމަށްވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް  ތާއިދުކޮށްދެއްވާނެކަމަށް އައިޕީޔޫގެ ގިނަ މެންބަރު ގައުމުތަކުން ބުނެފައި ވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
 
އައިޕީޔޫގެ ރައީސްކަމުގެ އިންތިޚާބު އޮންނާނީ އަންނަ އޮކްޓޫބަރު މަހުއެވެ. އެޖަމްޢިއްޔާގެ ރައީސް ކަމުގައި މިހާރު ހުންނެވީ މޮރޮކޯގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސްއެވެ. އަބްދުﷲ ޝާހިދަކީ ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެކި ދާއިރާތައް ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2009 އިން 2014 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ޝާހިދު ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވައިފައެވެ.
 
 
މީގެއިތުރުން ސާކް ސްޕީކާސް އެސޯސިއޭޝަންގެ ޗެއާމަންކަމާއި، ކޮމަންވެލްތު ސްޕީކާސް އެސޯސިއޭޝަންގެ ނައިބު ރައީސްކަމުގެ އިތުރުން ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަންވެސް އަބްދުﷲ ޝާހިދު ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ