ބޭނުންވަނީ ތަމްރީން ލިބިފައި ތިބި ޒުވާނުން: އެމްޔޫ މަނިކު

ޓޫރިޒަމް ދާއިރާއަށް ވެސް ބޭނުންވަނީ ތަމްރީން ލިބިފައި ތިބި ޒުވާނުން ކަމަށް، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓި އިނީޝިއޭޓިވްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ހިންގި ފުރަތަމަ ސްކޮލޮޝިޕްގައި ކިޔަވާ ނިންމި 15 ކުދިންނަށް ސެޓްފިިކެޓް ދޭން ހޮޓެލް ޖެންގައި ބޭއްވި ހަފުުލާގައި އެމްޔޫ މަނިކު ވިދާޅުވީ، އަމާޒަކީ ޓޫރިޒަމް ދާއިރާ އިން ވީހާވެސް ގިނަ ޒުވާނުން ތަމްރީންކުރުން ކަމަށެވެ.
ފުރަތަމަ ބެޗުގައި ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން ދެ ވަނަ ބެޗަށް ހޮވި 25 ދަރިވަރަށް ކޯހުގެ ލިޔުން ހަވާލުކުރުން ވެސް އޮތެވެ
އެމްޔޫ މަނިކު ވިދާޅުވީ އެ ދަރިވަރުންނަށް ފަހިވެފައިވަނީ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކޮލެޖާ އެކު ޓޫރިޒަމް ދާއިރާއާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީކަމުނ އެ ދާއިރާއަށް މިހާރު ބޭނުންވަނީ ވެސް ތަމްރީނު ލިބިފައި ތިބި ޒުވާނުންނެވެ.
ވިލާ ކޮލެޖާ ގުޅިގެން ޔުނިވާސަލް ފައުންޑޭޝަނުން ހިންގި ސްކޮލަޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ނިންމި ދަރިވަރުންނާ އެކު، (ކ-ވ) ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު، އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހުސިން އަދި ޔުނިވާސަލް ފައުންޑޭޝަންގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ވިލާ ކޮލެޖު
"މިތަނުން މިހާ ޒުވާން ކުދިން ފެނުނީމަ ވަރަށް އުފާވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ފެށުމެއް،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށް ވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.
"ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ، ވީހާ ވެސް ގިނަ މީހުން ތަމްރީނުކުރަން ހިންގާ ޕްރޮގްރާމެއް."
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރަން އެ ފައުންޑޭޝަނުން ސްކޮލަޝިޕްތައް ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ގިނަ ސްކޮލަޝިޕްތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ފުރުސަތުތައް ހުރިއިރު، އެކަންކަމުން ކުރިއަށްދާން ތަމްރީނުތައް ދޭން ޖެހޭ ކަމަށެވެ. އަދި ޔުނިވާސަލް ފައުންޑޭޝަނުން ފަހިކޮށްދީފައިވާ ސްކޮލަަޝިޕްގެ ބޭނުން ހިފައި ވީހާ ވެސް ގިނަ ދަރިވަރުން ޓޫރިޒަމް ދާއިރާއިން ކިޔަވަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނެއްގެ ކޯހުގެ މުއްދަތަކީ 15 ހަފުތާ އެވެ. ކިޔެވުމުގެ ބައިތައް ވިލާ ކޮލެޖުގައި ކުރިއަށްގެންދިއުމަށް ފަހު، ދަރިވަރުންގެ އިންޓާންޝިޕް ނިންމާފައިވަނީ ޔުނިވާސަލް ކުންފުނީގެ ރިސޯޓުތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ