ކޯލިޝަނުން މަޖިލިސް އިންތިހާބަށް ނުކުންނާނީ އެކުގައި- އަބްދުﷲ ރިޔާޒް

އަންނަ  އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކުގައި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެއްބަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކޯލިޝަން އުފައްދައި ހަތަރު ޕާޓީއިން އެއްބަސްވީ ހަމައެކަނި ސަރުކާރެއް ގާއިމުކުރުމަކަށް ނޫން ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ދެ އަހަރު ފަހުން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކަންކަމާއި މެދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މެދުގައި އެއްބަސް ވެފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"ޕާޓީތަކުން އެބަ އޮތް ރައީސްއާއެކު އެއްބަސްވުންތަކެއް، ހަމައެކަނި ސަރުކާރެއް ނޫން، މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން ވެފައިވާ އެއްބަސްވުމެއް،" އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީތައް ވަކިން އިންތިހާބަށް ނުކުންނާނެ ކަމަށްމީސް މީޑިއާގައި ވާހަކަ ފެތުރެމުންދާ މި ދަނޑުވަޅުގައި ރިޔާޒް ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ކޮންމެ ވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ފެންމަތިވި ނަމަވެސް ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީން އެބަ އޮތް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެން އެކީގައި ގެންގުޅެން ބޭނުންވާ އެއްބަސްވުންތަކަށް ކަމޭހިއްތަވާ ބޭފުޅެއް ކަމަށެވެ.
"ރައީސް ސޯލިހަކީ އެންމެން ގުޅިގެން ހޯވާފައިވާ ރައީސްއެއް، އެހެންވީމަ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބިގެނެއް ނޫން ސަރުކާރު ދެމެހެއްޓޭނީ އަދި ވަކި ޕާޓީއަކުން ނޫން އެކަން ކުރަން ވެސް ޖެހޭނީ، ކޮންމެ ޕާޓީއަކުން ވެސް ވާދަކުރަން ނުކުންނަ ގޮނޑިތައް ކާމިޔާބުކޮށްގެން ކޯލިޝަން އެއްކޮށް ހިފަހައްޓައިގެން މަސައްކަތް ކުރަން ޖެހެނީ، އެ ހިފެހެއްޓޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
އަދި އެމްޑީޕީއިން ގިނަ ގޮނޑި ކާމިޔާބު ކުރުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަކީ ކޯލިޝަނަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ އޮންނާނެ އެމްޑީޕީއަށް ގިނަ ގޮނޑި ހޯދުމުގެ ވިސްނުން، އެ ގަބޫލު ކުރަން، މައްސަލައެއް ވެސް ނެތް، އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއިން ވެސް ބޭނުންވާނެ މެކްސިމަމް ގޮނޑި ލިބޭނެ ގޮތަކަށްވުން، އެހެން ޕާޓީތަކުގެ ވެސް އެ ވިސްނުން ހުންނާނެ،" ރިޔާޒް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި މަޖިލިސް އިންތިހާބުގައި ގޮނޑިތައް ބަހާނެ ގޮތަކާއި މެދުގައި މަޝްވަރާކުރުމަށް އިއްޔެ ކޯލިޝަންގެ ހަތަރު ލީޑަރުން ވަނީ ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ