އދ. މާމިގިލީން: އަހުމަދު ސާއިލް އަލީ
ވަށައިޖެހޭ ޓެކްސްގެ ނިޒާމެއް ތައާރަފު ކުރައްވާނެ ކަމަށާއި އޭރުން މިހާރު އަހަރަކު ލިބޭ 11 ބިލިއަން ރުފިޔާގެ ބަދަލުގައި 20 ބިލިއަން ރުފިޔާ ހޯދައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ލޯންޗްކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވަށައިޖެހޭ ޓެކްސްނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި އެފަދަ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ.
"އޭރުން މުއްސަނދިންގެ އަތުން ލިބެން ޖެހޭ ޓެކްސް ގަވައިދުން ލިބިގެންދާނެ، އެ އަޅުގަނޑުމެންގެ ތެރެއަށް އައީމާ މިއަދު 11 ނުވަތަ 11.5 ބިލިއަން ރުފިޔާގެ ދައުލަތުގެ އާމުދަނީ އަޅުގަނޑުމެނަށް 20 ބިލިއަން ރުފިޔާ އަށް ޖެއްސޭނެ، މާތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފުރަތަމަ ފަހަރަށް ޓެކްސްގެ ބިލެއް އެކުލަވާލައި އެ މަސައްކަތް ފެއްޓެވީ ވެސް އޭނާ އަމިއްލަފުޅަށް ކަމަށާއި އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް ޓެކްސް ނެގުމާ ބައެއް ފަރާތްތަކުން ދެކޮޅު ހެދުމުން ރައީސް ނަޝީދަށް އެ ޓެކްސް ނެގުމަށް އެހީތެރިވެފައިވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގެ ބަޖެޓްގައިވާ ދަރަނި ކުޑަކުރުމަށް ޓީބިލް ފައިނޭންސް ކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރައްވާނެ ކަމަށާއި އޭރުން ބަޖެޓް ޑެފެސިޓް ކުޑަވެގެންދާނެ ކަމަށެވެ. އަދި ގާސިމް ވަނީ އޭނާގެ ވެރިކަމެއްގައި އިންވެސްޓްމަންޓް ބެންކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މާލެ އާއި އެއް އަގެއްގައި އަތޮޅު ތެރޭ ރަށްތަކުގައި ވެސް ހަނޑޫ ހަކުރު ފުށުގެ އިތުރުން ފެނާއި ކަރަންޓްގެ ހިދުމަތް އޭނާގެ ސަރުކާރެއްގައި ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ ދިވެހި ރައްޔިތުންނާއި ގައުމަށްޓަކައި ހިދުމަތްކޮށްދިނުމަށް ކަމަށާއި އެ ނޫން އިތުރު ބޭނުމަކު ނޫން ކަމަށެވެ. އަދި މިހާތަނަށް ވެސް ދިވެހި ރައްޔިތުނަށްޓަކައި ގިނަ ގުނަ ހިދުމަތަކެއް ކޮށްދެއްވާފައިވާނެ ކަމަށާއި އެބޭފުޅާ އާއި އެ ބޭފުޅާގެ ރަނިންމޭޓަށް ވުރެ ގާބިލް އިތުރު ބައެއް މިފަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވާ ކަމަށެވެ.
ވަށައިޖެހޭ ޓެކްސް ނިޒާމެއް ގާއިމްކޮށް އަހަރަކު 20 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ