ކިއެވްގެ މައްޗަށް ކުރި ހޯދާ ސިޓީ ކުއާޓާފައިނަލާ ގާތަށް ޖެހިލައިފި

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ޑީނަމޯ ކިއެވްގެ މައްޗަށް 1-3 އިން ކުރި ހޯދާ، މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.
ޑީނަމޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 15 ވަނަ މިނެޓްގައި އެޓީމުން ވަނީ މެޗުގެ ލީޑުނަގާފައެވެ. މި ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސާޖިއޯ އަގުއެރޯއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފް ސިޓީން ދެ ގޯލުގެ ލީޑަކާއެކީ ނިންމާލިއިރު، ދެވަނަ ހާފްގައި ޑީނަމޯއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓްގައި ވިޓާލީ ވަނީ ޑީނަމޯއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މި ގޯލަށްފަހު ވެސް ޑީނަމޯއިން ރަނގަޅަށް ކުޅެމުންދިޔައިރު، މެޗުގެ ނަތީޖާ އެއްވަރުކޮށްލާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 90 ވަނަ މިނެޓްގައި ޔާޔާ ޓޫރޭ، ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނުމެވެ.
ފުރަތަމަ ލެގުގެ މެޗު ސިޓީން ކާމިޔާބުކޮށް ކުއާޓާފައިނަލަށް ގާތަށް ޖެހިލާފައިވާއިރު، މީގެކުރިން މި މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ސިޓީއަށް ދަތުރުކުރެވިފައެއް ނުވެއެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ ގަދަ 16 ގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ހޮލެންޑްގެ ޕީއެސްވީ ބައްދަލުކުރި މެޗު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ