ވިލު ރީފް ކައިވެނީގެ މައްސަލަ: ހައްޔަރުކުރި ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމުގެ އަމުރު ކޯޓުން ދީފި
ވިލު ރީފު ބީޗު އެންޑު ސްޕާ ރިސޯޓުގައި މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ދެ ޓޫރިސްޓެއްގެ ރަމްޒީ ކައިވެނީގެ ހަފުލާއެއް އެ ރިސޯޓުގެ ފަރާތުން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ނެރެފި އެވެ.ކްރިމިނަލް ކޯޓުން ބުނީ އެ ދެ މީހުންގެ މައްސަލަ ފުލުހުން ކޯޓަށް ހުށަހެޅުމުން ހާދިސާ ހިންގާފައިވާ ގޮތް ދައްކުވައިދޭ މަންޒަރާއި އަޑު ރިކޯޑުކޮށްފައިވާ ސީޑީ އާއި، ހާދިސާ ހިންގާފައިވާ ގޮތާއި ކަމުގެ ނުރައްކާތެރި ކަމަށްބަލައި ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.މި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ކައިވެނި ކޮށްދިނުމުގެ ރަމްޒީ އިހުތިފާލެއް ރާވައި ހިންގުމުގައި އިސްކޮށް ތިބެ އިތުރު ބަޔަކާއި ބައިވެރި ވެގެން ދެ ޓޫރިސްޓުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ދިވެހި ބަހުން ހަޑި ހުތުރު ބަސްތައް ބޭނުންކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ރަމްޒީ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދިޔަ ގޮތުގެ މަންޒަރުތަކާއި އަޑު ރެކޯޑުކޮށް އިންޓަނެޓުގައި އާއްމުކޮށް ޝާއިއުކޮށް ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރިކަމަށެވެ.މި ދެ މީހުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެ ދެއްވަމުން ގާޒީ ވިދާޅުވީ އެއީ އާއިލާއާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ހިންގާފައިވާ ޢަމަލެއް ކަމަށެވެ. އަދި ދިވެހީންގެ އާދަކާދަތަކާއި އިސްލާމީ ރީތި އުސޫލުތަކާއި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކަށް އުނިކަން އަންނަކަމެއް ކަމަށްވުމުގެ އިތުރުން މި އަމަލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ރާއްޖޭގެ އިގުތިސޯދަށް ލޮޅުން އަރާ، އޭގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެދާނެ ފަދަ ޢަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ