"ވާރޭ ނުވެހެންތަން ދޮހާކޮޅެއް ވެއްޖަ! ގަމާ ހަމައަށް ދެވެންއިރު ހުންނަނޫ، ހިރަފުހުން ތަތްތެޅީފަ!" ލ. ފޮނަދޫން ސައިކަލްގައި ގަމަށް ދަތުރުކުރި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.
އެ އަތޮޅުގައި އެއްފަހަށް އޮތް ރަށްތަކުގައިވާ 15 ކިލޯމީޓަރުގެ ދިގުމަގުގައި ދޭތެރެ ދޭތެރެއިން އެއްގަމު އުޅަނދަށް ނުދުއްވޭ ވަރަށް މަގު އަޑިގުޑަންވެ އެވެ. އަދި ވާރޭ ނުވެހޭ ދުވަސްވަރެއްނަމަ ހިރަފުސް ބޯކަމުން ދަތުރު ކުރެވޭ ވަރެއް ނުވެއެވެ. ވާރޭ ވެހޭނަމަ ޗަކާހައި ކިސަޑާއި ވަޅުގަނޑުގަނޑުން އަރައެއް ނުގަނެވެ އެވެ. އަތޮޅުގެ އެންމެން އަބަދުހެން ދާންޖެހިފައި އޮންނަ ގަމާއި ކައްދޫ އާއި ފޮނަދޫ އާއި މާންދޫ ގުޅޭ މިި މަގާ ގުޅޭ މި ޝަކުވާއަކީ އަތޮޅުގެ ރައްޔިތުން އަބަދުވެސް ކުރާ ޝަކުވާއެކެވެ. ދުއްވާ އެއްޗެއްސަށް ނުދުއްވޭ ވަރަށް މަގުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާއިރު، މިހާރު އެމަގުގައި ދަތުރު ކުރުމަކީ، ބޮޑު ވޭނެކެވެ.
"އެމަގުގަ ދަތުރު ކެރުމަކީ ބޮޑަ ކަމެއް. ޗަކަސްވަޅަގަނޑާއި ހެދީ ކާރަ އެބަހުއްޓޭ. ދެން ހަމަ ކޮޅަކަށް ޖެހީވެސް ނުލާޅެ،" ގަމުގެ ޒުވާނެއް ކަމަށްވާ ޝަރީފު ބުންޏެވެ.
މަގު އަޑިގުޑަންވެ، ސައިކަލް ކަހާލައިގެން އެތައްބަޔަކަށް އަނިޔާވެ، ބައެއް މީހުންގެ އަތްފައި ބިންދައިގެންދާފަދަ ނުރައްކާތެރި ހާދިސާވެސް އެމަގުގައި ގިނައިން ހިނގަނީ މަގު ހަލާކުވެފައި އޮންނާތީ އެވެ. އޭގެ ސަބަބުން މަރުގެ ހާދިސާތަކާ ވެސް އަތޮޅުގެ ރައްޔިތުންނަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެރަށްތަކުގައި ދިރިއުޅެމުންދާ މީހުން ބުނާގޮތުގައި، ވާރޭ ވެއްހިޖެނަމަ މަގުގައި ފެންހެދި މުޅި މަގު ކިސަޑުވެ، ވާރޭ ނުވެހި އަވިދޭ ދުވަސްވަރުގައި، ދުރުން ދުއްވާފައި އަންނަ ވެހިކަލް ނޭނގޭވަރަށް ހިރަފުސް ބޯވެއެވެ. އަދި ރޭގަނޑު މަގުގައި އަލިކަން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން ދުރުން ދުއްވާފައި އަންނަ ވެހިކަލްގެ ލައިޓް ނޫން އެއްޗެއް ނުފެނުމުގެ ސަބަބުން ތަފާތު ނުއްކާތެރި ހާދިސާތައް އަބަދު ވެސް ހިނގައެވެ.
ކައްދޫ އެއާޕޯޓާއި ގަމުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ސަބަބުން އަތޮޅުގެ ގިނަ ރައްޔިތުން ތަފާތު ޚިދުމަތްތައް ހޯދަންދާ މައިހަބަކަށްވެސް ވެފައި އޮންނަނީ އެއްފަސްކޮށްފައި އޮންނަ ގުޅިފައިވާ އެރައްތަކެވެ. އެގޮތުން ކޮންމެ ދުވަހަކުހެން އަތޮޅުގެ އެކި ރަށްރަށުން އެތަތަކެއް ސަތޭކަ ބަޔަކު ދިގު ދަތުރުތައް ކޮށްފައި "ބޮޑު ރަށަށް" ދެ އެވެ.
"ވަރަށް ޚަރަދުކޮށްގެން ޑޮކްޓަރަށް ދައްކަން މިދެވެނޫ، ވިހާން ތަނަށްއަރާފައި އޮންނަ މީހާ ވެހިކަލަށް އަރުވައިގެން ދަން އިރު، އެމީހާ ވެހިކަލަށް ނުވިހާ އޮންނަކަން ނަސީބު." ގަމު ހޮސްޕިޓަލަށް ޚިދުމަތް ހޯދަންދިޔަ ކުނަހަންދޫ މީހަކު ބޮޑުމަގުގެ ހާލަތު ކިޔައިދިނެވެ.
އަތޮޅުގެ ރައްޔިތުންގެ ޝަކުވާއާއިއެކު ތަފާތު އިންތިޚާބުތަކާއި ދިމާކޮށް އެރަށަށްދާ އެކިއެކި ވެރިންގެ ތަކުރާރުވަމުންދާ ވަޢުދަކަށްވެފައި އޮންނަނީ އެ ދިގުމަގު މަގު ފެންވަރު ރަނގަޅުކޮށް ތާރު އަޅައިދީގެން ހަދައިދޭނެ ކަމުގެ ވައުދެވެ. އެވައުދު މިސަރުކާރުން ނޫނަސް އެކި ސަރުކާރުތަކުންވަނީ އެތަކެއް ފަހަރުމަތިން ވެފައެވެ.
ދިގުލައިގެން ގޮސްފައިވާ އެ ޝަކުވާތަކުގެ ތެރޭގައި އޮންނަ އެ ވައުދު ދެން ފުދިދާނެ ކަމަށް ވަރަށް ގިނަ މީހުން މިހާރު ތިބީ އިންތިޒާރުގައެވެ. ފޮނަދޫން ގަމަށް އޮންނަ ދިގު މަގު، ނުވަތަ "ލާލިންކް"މަސައްކަތް ރަސްމީ ގޮތުން އިފުތިތާހުކޮށް، ޗައިނާ ސަރުކާރުންވަނީ އެ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކުރިޔަށް ގެންދާނެ މަޝްރޫއެއްކަމުގައި އިއުލާން ކޮށްފައެވެ.
ޗައިނާ ސަރުކާރުން ހަވާލުކޮށްފައިވަނީ، ޖިއާންގުޒޫ ޕްރޮވިންޝިއަލް ޓްރާންޕޯޓޭޝަން އިންޖިނިއަރިން (ޖީޓެގް) އަށެވެ. އަދި ލާމް ލިންކް" ގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފަށާނެކަމުގެ ޔަގީންކަން، އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން ދީފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ލާމުގެ ރައްޔިތުން މިހާރު ތިބީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، 15.1 ކިލޯމީޓަރުގެ ދިގު "ލާމްލިންކް" ގާއިމްވެ އެ ސަރަހައްދަށާއި އަތޮޅަށް ތަރައްގީ އާއި ފަސޭހަ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
"އެމަގުގައި ތާރަ އަޅާނެ ދޮހައެއްގެ ފޮނި އުންމީދުގައި މި ތިބެނޫ. ވަރަށް ބޮޑަ ފަސޭހަޔަކަށް ވާޅަ އެކަން. އެއްފަހަރު ދުއްވާލާފަ ކާރާ ސައިކަލް މަރާމާތުކޮށްކޮށް މި ތިބެނޫ. އެކަން ކެރާން ނުޖެހޭނެކަން ހިތަށް އަރާފަވެސް ހަމަ އުފާވޭ." ގަމުގެ ޒުވާނަކު ކިޔައިދިނެވެ.
ލ. އަތޮޅުގެ ރައްޔިތުން "ލާމްލިންކް"ގެ އުންމީދުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ