ޔާން ލެކޫން މެޓާއިން ވަކިވެ އަމިއްލަ އޭއައި ސްޓާޓަޕެއް ފަށަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދުނިޔޭގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ، އަދި މެޓާގެ ޗީފް އޭއައި ސައިންޓިސްޓްގެ މަގާމު ފުރުއްވަމުން ގެންދެވި ޔާން ލެކޫން، އެ ކުންފުނިން އިސްތިއުފާ ދެއްވައި، އޭއައި ދާއިރާއިން އަމިއްލަ އާ ސްޓާޓަޕެއް ފައްޓަވަން ނިންމަވައިފިއެވެ. މިއީ މިކަމާ ގުޅޭގޮތުން ހަފްތާތަކެއް ވަންދެން އަޑުތައް ފެތުރެމުން ދަނިކޮށް، ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ލެކޫން ކަށަވަރުކޮށްދެއްވި ޚަބަރެކެވެ. އޭނާ ވަނީ 12 އަހަރު ދުވަހު މެޓާގައި މަސައްކަތް ކުރައްވާފައެވެ. ލެކޫން ވިދާޅުވީ އާ ސްޓާޓަޕެއް އުފައްދަނީ އޭނާ ކުރިން ވެސް ކުރިޔަށް ގެންދެވި "އެޑްވާންސްޑް މެޝިން އިންޓެލިޖެންސް" (އޭއެމްއައި) ރިސާޗް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކަމުގައެވެ. އާ ސްޓާޓަޕްގެ މަޤްޞަދަކީ، ދުނިޔޭގެ ޙަޤީޤީ މަޢުލޫމާތުތައް ދެނެގަނެ، ގިނަ ދުވަހަށް މައުލޫމާތު ހަނދާންކޮށް، ސަބަބުތައް ދެނެގަނެ އަދި ރާވާފައިވާ ކަންތައްތަކެއް ކުރުމުގެ ގާބިލްކަން ލިބިފައިވާ އޭއައި ސިސްޓަމްތައް އުފެއްދުމެވެ. މިއީ "އޭއައި ގެ ދެން އަންނަ ބޮޑު އިންގިލާބު" ގެނައުން ކަމަށް ލެކޫން ސިފަ ކުރައްވައެވެ. https://sun.mv/213616 މެޓާއިން އިސްތިއުފާ ދެއްވިޔަސް، އާ ސްޓާޓަޕްގެ "ސްޓްރެޓީޖިކް ޕާޓްނަރެއް" ގެ ގޮތުގައި މެޓާ ދެމި އޮންނާނެ ކަމަށް ލެކޫން ހާމަކުރެއްވިއެވެ. އޭނާ ވަނީ މި އަހަރުގެ ނިޔަލަށް މެޓާގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޔާން ލެކޫނަކީ "ކޮންވޮލޫޝަނަލް ނިއުރަލް ނެޓްވޯކްސް" (ސީއެންއެންއެސް) އުފެއްދެވުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމުން އޭއައި ދާއިރާއަށް އޭނާގެ ފަރާތުން ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. ލެކޫން މި ނިންމެވުމާއެކު، އޭއައި ދާއިރާގައި އިތުރު އީޖާދީ މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް ބެލެވެ އެވެ. ޔާން ލެކޫން އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދުނިޔޭގެ އެންމެ އިސް އެއް ސައިންޓިސްޓެވެ. އޭނާ މަޝްހޫރުވެފައި ވަނީ "ކޮންވޮލޫޝަނަލް ނިއުރަލް ނެޓްވޯކްސް" އުފެއްދެވުމުގެ މުހިއްމު ރޯލު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. މި ޓެކްނޮލޮޖީއަކީ މިއަދު ފެންނަމުންދާ ގިނަ އޭއައި އެޕްލިކޭޝަންތަކުގެ، ޚާއްސަކޮށް އިމޭޖް ރިކޮގްނިޝަން އަދި ކޮމްޕިއުޓާ ވިޝަންގެ ބިންގަލެވެ. ލެކޫން 2013 ވަނަ އަހަރު ފޭސްބުކް (މިހާރު މެޓާ) އާ ގުޅިވަޑައިގެން އެ ކުންފުނީގެ އޭއައި ރިސާޗް ޑިވިޜަން (ފޭސްބުކް އޭއައި ރިސާޗް) ބިނާކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވިއެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ޓިއުރިން އެވޯޑް، އެހެން ދެ ސައިންޓިސްޓުންނާ އެކު، އޭއައި އަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާސިލުކުރައްވާފައެވެ. މެޓާއިން ވަކިވެވަޑައިގަންނަވާއިރު، އެ ކުންފުނީގެ އޭއައި ޑިވިޜަންގައި ހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ލެކޫންގެ ވަރަށް ވަރުގަދަ ނަޒަރިއްޔާތަކެއް ހުރެއެވެ. ޚާއްސަކޮށް އެމެރިކާގައި މަޝްހޫރުވެފައިވާ ބޮޑެތި ލޭންގުއޭޖް މޮޑެލްތައް އެކަނި އިސްކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ދެކެއެވެ. އަދި އޭނާ ވުޖޫދަށް ގެންނަން އުޅުއްވާ އާ ސްޓާޓަޕްގެ މަޤްޞަދަކީ މިހާރުގެ އޭއައި ޓެކްނޮލޮޖީގައި ހުރި މިފަދަ ކަންކަން ހައްލުކޮށް، ދުނިޔެއާ ގުޅުންހުރި މާނައާއި ސަބަބުތައް ދެނެގަނެވޭ ފަދަ އޭއައި ސިސްޓަމްތައް ތަރައްޤީ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ