ލޭގައި ހުންނަ ކޮލެސްޓެރޯލްގެ މިންވަރު މަތިވުމަކީ ސިއްހީ އެތައް ނުރައްކާތަކެއްގެ ފެށުމެވެ. ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ލޭހޮޅިތައް ބެދުމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ އެތައް ކަމެއް ކުރިމަތިވެއެވެ. އޭގެ އިތުރުން ވެސް، ޖިންސީ ބަލިކަށިކަން އިތުރުވުމާއި ހެލިފެލިވެ އުޅެން އުނދަގޫވުން ފަދަ، ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެތައް ކަމަކަށް ހުރަސްއެޅެއެވެ.
މި ޒަމާންވީ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޔުނިވަސިޓީ އޮފް ބާސެލޯނާ އާއި ޔުނިވަސިޓީ އޮފް އޮރެގަންގެ ސައެންސްވެރިން މިހާރު ވަނީ، ލޭގައި ހުންނަ ކޮލެސްޓެރޯލްގެ މިންވަރު ވަކި ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭ ފަރުވާއެއް ހޯދައިފައެވެ. އެމީހުން ބުނާ ގޮތުގައި ލޭހޮޅިތަކުގެ އެތެރެ ދާރައިގައި ސަރުބީ ޖެހުމުން މެދުވެރިވާ ސިއްހީ މައްސަލަތައް މި ފަރުވާގެ ސަބަބުން މަދުކުރެވޭނެއެވެ.
ސައެންސްވެރިން މިފަހަރު އީޖާދުކުރި އާ ފަރުވާއަކީ، ލޭގައި ހުންނަ ނުބައި ސަރުބީ، ލޯ-ޑެންސިޓީ ލިޕޯޕްރޮޓީން ކޮލެސްޓެރޯލް (އެލްޑީއެލް-ސީ)ގެ މިންވަރު ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޖީންއެއް ކަމަށްވާ (PCSK9)ގެ ހަރަކާތްތައް ހުއްޓުވައިލުމެވެ. މި އީޖާދީ އުފެއްދުމުގައި ބަރޯސާވާނީ ޕޮލީޕިޔުރީން ހެއާޕިންސް (PPRHs) ކިޔާ މޮލިކިއުލެއްގެ މަސައްކަތަށެވެ.
މިއީޖާދުކުރި ފަރުވާގައި މޮލިކިއުލް ލައްވައި ކުރުވާ ކަމަކީ، ލޭގައި ހުންނަ ނުބައި ކޮލެސްޓެރޯލް (ސަރުބީ)ތައް ސެލްތަކަށް ދަމައިގަތުމުގައި އެހީތެރިވެދިނުމެވެ. މިހެން ހެދުމުން ލޭހޮޅިތަކުގެ އެތެރެ ދާރައަށް ސަރުބީ ޖަމާވުން ހުއްޓެއެވެ. މި ފަރުވާގެ އަނެއް މުހިންމު ކަމަކީ، ކޮލެސްޓެރޯލް ދަށް ކުރުމަށް މިހާރު ބޭނުންކުރަމުން އަންނަ ބޭސްތަކުން ކުރިމަތިވާ ފަދަ އެއްވެސް ސައިޑް އިފެކްޓެއް، މިފަރުވާއިން ކުރިމަތި ނުވުމެވެ.
ސައެންސް ޖާނަލެއް ކަމަށްވާ ބަޔޯކެމިކަލް ފާމަކޮލޮޖީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޮލެސްޓެރޯލް އިތުރުވުމުގެ މައްސަލައަށް ފަރުވާ ކުރުމުގައި، މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ކުރި މަސައްކަތުގައި ވެސް މައިގަނޑު އަމާޒަކަށް ހަދާފައިވަނީ (PCSK9) ޖީންއެވެ. މި އެންޒީމް ނުވަތަ ޖީންތައް ސެލްގެ ބޭރު ފަށަލައިގައި ހުންނަ ޕްރޮޓީންތަކުގައި (ރިސެޕްޓާސް) ތަތްވެގަތުމުން، ސެލްތަކުގެ ބޭރު ފަށަލައިގައި ހުންނަ ޕްރޮޓީންތަކުގެ މިންވަރު ދަށްވެގެންދެއެވެ.
މިހެންވުމުން އެ ސެލްތަކަށް ނުބައި ކޮލެސްޓެރޯލްތައް ދެމުމުގެ މަސައްކަތަށް ހުރަސްއެޅި، ލޭގައި ކޮލެސްޓެރޯލް އެކުލެވޭ މިންވަރު މަތިވާން ފަށައެވެ. ނަތީޖާއަކަށް ވަނީ ލޭ ހޮޅިތަކުގައި ސަރުބީ ޖަހައިގެން ގޮސް ލޭހޮޅިތައް ބެދި، ހާޓްއެޓޭކް ނުވަތަ ސްޓްރޯކް ޖެހުމެވެ.
މި މައްސަލަ ހައްލުކުރުމަށް ސައެންސްވެރިން އީޖާދުކުރި އާ އުކުޅުގައި، ވަކި ބާވަތެއްގެ ޖީންތައް ހަށިގަނޑުގެ ތެރޭގައި އިތުރުވުން ހުއްޓުވުމަށް ބޭނުންކުރާނީ (PPRHs) ކިޔާ މޮލިކިއުލެވެ. އެ ގޮތުން މި މޮލިކިއުލް ލައްވައި ކުރުވާނެ ކަމަކީ (PCSK9) ޖީންގެ މަސައްކަތަށް ހުރަސްއެޅުމެވެ. މިހެން ހެދުމުން، ސެލްތަކުގެ ބޭރު ފަށަލައިގައި ހުންނަ، ނުބައި ކޮލެސްޓެރޯލްތައް ދަމައިގަންނަ ޕްރޮޓީންތަކުގެ އަދަދު އިތުރުވެ، ސެލްތަކަށް ނުބައި ކޮލެސްޓެރޯލް ދަމާ މިންވަރު އިތުރުވެއެވެ.
މި އާ އީޖާދުން ދެ ނަތީޖާއެއް ހާސިލުކުރެވެއެވެ. ފުރަތަމަ ކަމަކީ، ލޭގެ ތެރޭގައި ކޮލެސްޓެރޯލް ދައުރުވާ މިންވަރު ދަށްކުރުމެވެ. ދެ ވަނަ ކަމަކީ ލޭ ހޮޅިތަކުގެ އެތެރެ ފަރާތުގައި ސަރުބި ޖެހުމުގެ ނުރައްކާ ކުޑަކޮށްދިނުމެވެ.
ކޮލެސްޓެރޯލް ދަށްކޮށްދޭ އާ ފަރުވާއެއް އީޖާދުކޮށްފި ކޮލެސްޓެރޯލް ދަށްކޮށްދޭ އާ ފަރުވާއެއް އީޖާދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ