އެއިޑްސް ބައްޔަށް ފަރުވާ ހޯދާ 36 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުން 30 ނޮވެމްބަރާ ހަމައަށް ރާއްޖޭގައި އައިއެޗްވީ ޖެހިފައިވަނީ 53 މީހުންނަށެވެ. އެޗްއައިވީ ނުވަތަ އެއިޑްސްގެ ހާލަތަށް ބަލާއިރު ރާއްޖެއިން އެންމެ ފުރަތަމަ މިބަލި ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ.
އެގޮތުން މި ބަލި ޖެހިފައިވަނީ ޖުމްލަ 8 އަންހެނުނަށާއި 45 ފިރިހެނުންނަށެވެ. މީގެތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާކަމަށާއި މިވަގުތު 36 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިއެވެ.
އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހާ ހަމައަށް މިބަލި 49 މީހަކަށް ޖެހިގެން ރިކޯޑް ކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ.
އެޗްއައިވީ އަށް ދެވޭ ފަރުވާ އަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމެންޓެވެ. މި ފަރުވާ ރާއްޖޭގައި 2004 ވަނަ އަހަރުން ފެށިގެން އަންނަނީ ދެމުންނެވެ. އަދި ރާއްޖޭގައި އެޗްއައިވީ އެއިޑްސް ބައްޔަށް ދެވޭ ހުރިހާ ފަރުވާއެއްވެސް ދެނީ މުޅިން ހިލޭއެވެ. އަދި އައިއެޗްވީ އިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ޕްރި އެކްސްޕޯޝާ ޕްރޯފިލަކްސިސް (ޕީއާރްއީޕީ) ވެސް ރާއްޖޭގައި ލިބެން ހުރެއެވެ.
އެޗްއައިވީ ފެތުރޭ ގޮތްތަކަށް ބަލާއިރު ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު އެކަކު ބޭނުންކޮށްފައި ހުންނަ ކަށިފަދަ ތަކެތި އަނެކަކު ބޭނުންކުރުމާއި އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން މާބަނޑު ދުވަސްވަރު އާއި ވިހެއުމުގެ ތެރޭގައި ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހުމާއި އެޗްއައިވީ ވައިރަސް ހުރި ލޭ އެޅުން ހިމެނެއެވެ.
އެޗްއައިވީ އަށް ޓެސްޓްކޮށް ބަލި ނެތްކަން އަމިއްލައަށް ޔަގީންކުރުން މުހިންމެވެ. ކާކުކަން ނޭނގޭ ގޮތަށް އެޗްއައިވީއަށް ޓެސްޓް ކުރެވޭއިރު ނަތީޖާވެސް ސިއްރު ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންވެސް އެޗްއައިވީއަށް ޓެސްޓް ކުރެވޭނެއެވެ. މީގެއިތުރުން ޝީ އިންވެސް ޓެސްޓްކުރެވޭނެއެވެ. މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ " އޯވަކަމިން ޑިސްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޯންސް" އެވެ.
އެއިޑްސްއަށް ފަރުވާ ހޯދާ 36 މީހުން ރާއްޖޭގައި އެބަތިބި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ