އެމްޑީޕީގެ ލީޑާޝިޕް އިސްތިއުފާ ދޭން ޖެހޭ: ބޮންޑޭ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ސިއްހީ ހިދުމަށް ގެނައުމަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ހުޅުވާލި ފުރުސަތުގައި ބޮންޑޭ ވިދަޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނީ ކީއްވެގެންތޯ ބަލަން ބުއްދީގެ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސްކޮށް ހުންވެނި ބޭފުޅާ (ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް) ވަނީ ރައީސް އަޒުލުކުރަން ޖެހޭކަމަށް ކެމްޕެއިން ތެރޭގައި ވިދާޅުވެފައި ކަމަށާއި އެ ހިސާބުން މެޖޯރިޓީ ސަރުކާރަށް ދިނުމަށް ރައްޔިތުން ނިންމީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، މި ސަރުކާރުން ނިމިދިޔަ ސަރުކާރުން ވީ ގޮތަށް ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިދިޔަ ސަރުކާރުންވަނީ ކުރީގެ ރައީސް ނަޝީދު އަވާހަރަ ކޮށްލުމަށް ބޮންގޮއްވާލާ، ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ފުރައްސާރަކޮށް، ރައްޔިތުންނަށް ނަފްސާނީ ބަލި ޖައްސާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް މި ސަރުކާރުން ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ވެންޓިލޭޓަރިތަކުން ވެސް ވައްކަން ކުރީ ނޭވާ ހޮޅިތަކުން ވެސް ވައްކަން ކުރީ. އެހެންކަމުން މި ސަރުކާރަށް ދޭނެ މެޖޯރިޓީ. ރައްޔިތުން ބޭނުމެއްނުވާނެ ނަޝީދު ވެރިކަމުގައި ބަޢާވަތްކުރަން ރައްޔިތުން މަޖިލީހުން ނިންމިގޮތަށް ފުރުސަތު ދޭކަށް. ސަރުކާރު ވެސް ހިންގަން ޖެހޭ." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ 19 ވަނަ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެމްޑީޕީއިން އެކަމަށް ހުރަސް އަޅަމުން ދިޔަ ކަމަށެެވެ. އަދިވެސް ނަޝީދަށް ހަމަލާދިން މައްސަލައިގައި އިންސާފު ހޯދިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"1903 ވަނަ އަހަރުން ފެށިގެން ދިމާވި މަރުތަކާ މީހުންގެ މުދަލަށް އަރައިގަތުމާ ނުހައްގުން ދެވިފައި ހުރި އަނިޔާތަކެއް އޮންބަޑްސްމަން އޮފީހަށް ލީ. ނިމުނި އިރު އެ އެއްޗިހި ވަގަށް ނަގައިގެން ގެންގޮސްފި. މިހާރު އެމްޑީޕީ އިސް ފަރާތްތައް. އެހެންވީމަ އެމްޑީޕީގެ ލީޑާޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެއަކަށް ނެތް ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް. ފުރަތަމަ ބަދަލުވާންނީ އެމްޑީޕީ ލީޑާ ޝިޕް. މިހާރު އެމްޑީޕީ ލީޑާޝިޕްގައި ތިބި ހުރިހާ ފަރާތްތަކުން އިސްތިއުފާ ދޭންޖެހޭ." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ އެމްޑީޕީއިން އެއީ ޕާޓީއެއް ކަމަށް ބުނަމުން ގޭންގެއް ގޮތުގައި އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ