އިންޑިއާއަކީ ސިޔާސީ ރަހުމަތްތެރިއެއް، ޗައިނާއަކީ ތަރައްގީގެ ބައިވެރިއެއް: ބަނގްލަދޭޝް

އިންޑިއާއަކީ ސިޔާސީ ރަހުމަތްތެރިއެއްކަމަށާއި އަދި ޗައިނާއަކީ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށް ބަނގްލަދޭޝްގެ ޓްރާންސްޕޯޓް އެންޑް މިނިސްޓަރ އުބައިދުލް ގުއަދާރް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިކަންކުރާ އަވާމީ ލީގުގެ ނުފޫޒުގަދަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާ ގުއަދާރް މިހެން ވިދާޅުވީ އެގައުމުގެ ރައީސާ ޝައިޚް ޙަސީނާ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، ވެރިރަށް ޑާކާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ބަންގްލަދޭޝްއިން ގެންގުޅެނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއްކަމަށާއި، ޗައިނާ އަދި އިންޑިއާއާ ގުޅިގެން ބަންގްލަދޭޝްގައި ތަރައްޤީގެ މުހިއްމު ޕްރޮޖެކްޓްތަކެއް ހިންގިފައިވުމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫކަމެއް ކަމަށެވެ. ބަންގްލަދޭޝްއަށް މިނިވަންކަން ހޯދައިދިނުމަށް އިންޑިއާއިން މުހިއްމު ދައުރެއް އަދާކުރިކަމަށާއި، އަދި 2015 ވަނަ އަހަރު ދެގައުމުގެ މެދުގައި ވެވުނު ސަރަހައްދީ އިމާ ބެހޭ އެއްބަސްވުމަކީ ދެގައުމުގެ ސިޔާސީ ރަހުމަތްތެރިކަމުގެ ހެއްކެއްކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަސް، އެހީތެރިކަން ހޯދުމަށް ޗައިނާ އަދި އިންޑިއާ ދެގައުމާއެކުވެސް އަވާމީ ލީގުގެ ސަރުކާރުން މަސައްކަތްކުރާނެކަމަށް ގުއަދާރް ވިދާޅުވިއެވެ.
ޝެއިޚް ޙަސީނާ ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރިއާއި އިގްތިސާދާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރައްވާނެކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކުރެއެވެ. އެގޮތުން 7 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާ ގުޅޭ ގޮތުން ދެގައުމުން މަޝްވަރާކުރާނެއެވެ. އަދި ޗައިނާގެ ވިޔަފާރިވެރިންނާއެކުވެސް ޝެއިޚް ހަސީނާ މަޝްވަރާކުރައްވާނެއެވެ.
Advertisement
ޗައިނާއަށް ވަޑައިގަތުމުގެ ކުރިން މީގެ ދެ ހަފްތާކުރިން ޝެއިޚް ހަސީނާ ވަނީ އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ