ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމުން ދުރުކުރުން: ރައީސް ޞާލިޙު

ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ، ޅ.ހިންނަވަރުގައި ކުރިއަށް ދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރު ހަމަ މަގުން ނައްޓާފައި ކަމަށާއި މި ސަރުކާރުން ދޮގުތައް ހަދައިގެން ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އަދި މިފަދަ ރައްޔިތުންނަށް ދައްޗާ ތުރާ ޖައްސާ ސަރުކާރެއް ބާއްވަން ހެޔޮ ނުވާނެ ކަމަށެވެ.
ހަމައެކަނި ޕާޓީގެ މެމްބަރުންގެ ގެތަކަށް ކަރަންޓު ދިނުމަށް ށް ގޮވާލާ ހއ. ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ދެއްކި ވާހަކަތަައް ފާހަގަ ކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، އެފަދަ ދަށު ދަރަޖައިގެ ވާހަކަތައް ނޫނީ ސަރުކާރުގެ މަތީން ފެށިގެން ތިރިއަށް ވެސް ނީވޭ ކަމަށާއި، މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށެވެ.
"ކަރަންޓަކީ ދޭންވާނެ އެއްޗެއް. އެއީ އަސާސީ ޚިދުމަތެއް. ތިމަންނަމެންނަށް ވޯޓު ދޭ މީހުންނަށް އެކަންޏޭ ކަރަންޓް ދޭންވާނީ. މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. އެފަދަ ދުއްތުރާ ކުރާކަށް ނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހެން ބުނާކަށް. އެކަމަކު ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މިބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ވަރަށް ނާމާން ދުވަސްތަކެއް."
ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، މި ސަރުކާރުން ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ މައިގަނޑު ސަބަބަކީ ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނީ ގޮތުން ކަށަވަރުކޮށްފައި ބޭއްވުމަށް ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓި ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމަށްޓަކައި، ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނުގައި ލިޔެ ތަންފީޒުކުރުމަށް ބިލެއް ހުށައެޅުން ކަމަށް ވެސް ރޭގައި ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ