އައިޖީއެމްއެޗް ސާފުކުރުމުގެ މަސައްކަތްކޮށްފި

އައިޖީއެމްއެޗްގެ މުވައްޒަފުން އިސްނަގައިގެން ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތްކޮށްފިއެވެ. ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްވެސްވަނީ ސާފްކޮށްފައެވެ.
އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިސްނެގުމަށް އައިޖީއެމް ސާފުކުރުމުގެ މިހަރަކާތުގައި ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމާއި ހޮސްޕިޓަލްގެ މެނޭޖްމަންޓުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލަށްވުމާއެކު ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އަންނަމުންދާތީ އެތަން ސާފުކޮށް ބޭއްވުމަކީ މުވައްޒަފުން އިސްކަންދޭކަމެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަބްރޫކް ވިދާޅުވީ، އައިޖީއެމްއެޗް ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި އައިޖީއެމްއެޗްގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އައިޖީއެމްއެޗް ސާފުކުރުން ފެށިގެން މިދިޔައީ ހެނދުނު، މެންދުރު އަޅުގަނޑުމެން ވިލިމާލެއަށް ގޮސް ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތްކުރާނެ. އަދި މުވައްޒަފުންގެ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި." މަބްރޫކް ވިދާޅުވިއެވެ.
އައިޖީއެމްއެޗް ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތް ނިންމާލަނީ ހަވީރު ވިލިމާލޭ ބީޗް ސަރަޙައްދުގައި ބާއްވާ ޓީމް ބިލްޑިންގ ޙަރަކާތްތަކަކާއެކު ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ