ގައުމު ދިރިއޮންނަނީ ފަހުރުވެރި މި ދިވެހިންގެ ސަބަބުން، ގޯހަކީ ދައުލަތުގެ ވެރިން

ބައެއް މީހުން ބުނެލަ އެވެ: "އަހަރެން ނޯންނާނެ ދުވަހަކު ވެސް ސަރުކާރުން މުސާރަ ނަގާފައެއް."
އޭގެ ތެރެއިން އެހެން މީހެއްގެ ވާހަކައަކީ އެވެ: "ސަރުކާރުން މުސާރައެއް ނުހޯދާ ވެސް އަހަންނަށް އެބަ ދިރިއުޅެވޭ."
ތިން ވަނަ މީހަކު މިހެން ވެސް ބުނެފާނެ އެވެ: 'އަހަރެމެން މަސައްކަތްކޮށްގެން ދައްކާ ޓެކްސްއިން ކަލޭމެން މުސާރަ ނަގައިގެން ކޮށްދޭ ކަމެއް އަޅެ ކިޔައިދީ ބަލަ!"
މި ހުންނަނީ އުމުރުގެ އެއްވެސް ހިސާބެއްގައި ސަރުކާރުގެ ނުވަތަ ދައުލަތުން މުސާރަ ލިބޭ އެއްވެސް ވަޒީފާއެއް އަދާނުކުރާ ދިވެހިންގެ ވާހަކަތަކެވެ. އެ މީހުންގެ ހަޔާތުގައި އެއީ ވަރަށް ބޮޑު ކަމެކެވެ. ގިނަ ދިވެހިން ސަރުކާރުގެ އެކި ވަޒީފާތަކުގައި އުޅޭ އިރު އަމިއްލަ ވަޒީފާއެއްގައި އުމުރު ހޭދަކޮށްގެން ދިރިއުޅުން ނަގާ ކޮޅަށް ޖެހުމަކީ، އެއްގޮތަކަށް ވެސް ކުޑަ ފަހުރެއް ނޫނެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ގިނަ ދިވެހިން ވަޒީފާ އަދާކުރަނީ ސަރުކާރުގަ އެވެ. އެގޮތުން މަސައްކަތްކުރާ ދިވެހިންގެ ތެރެއިން 26،800 އަށް ވުރެ ގިނަ މީހުންގެ އާމްދަނީ ވަންނަނީ ސަރުކާރުގެ މުސާރައިންނެވެ. މިއީ ވަޒީފާ އަދާކުރާ ދިވެހިންގެ ގާތްގަނޑަކަށް %15 އެވެ. ދެން އެންމެ ގިނަ ދިވެހިން އާމްދަނީ ހޯދަނީ އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމްއާ ގުޅޭ އެކި ވަޒީފާތަކުންނެވެ. އެގޮތުން 25،000 އަށް ވުރެ ގިނަ މީހުން އެ ދާއިރާގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
ސަރުކާރުގެ ވަޒީފާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ވަޒީފާއެއް ލިބުން ގިނަ ބައެއްގެ އުއްމީދަކަށް ވެފައި އޮންނަނީ ވަޒީފާގެ ޔަގީންކަން ބޮޑުވުމުން ކަމަށް ވެދާނެ އެވެ. ނުވަތަ 'ކަންނެތީ' އެވެ. ފަސޭހަ އުޅުމެއް ހިޔާރުކުރަނީ އެވެ. ކުރިމަގުގައި ރިޓަޔަމެންޓް ޕެކޭޖްތައް ވެސް ލިބޭނެތީ ކަމަށް ވެދާނެ އެވެ. ނަމަވެސް ގައުމުގެ އިގުތިސާދުގެ މައިގަނޑު ބޮޑު ބުރަކީ އަމިއްލަ ވިޔަފާރިތަކުގައި އުޅޭ މީހުންނެވެ. ސަރުކާރު ހިނގަނީ އެ މީހުންގެ ބުރަ މަސައްކަތުން ހޯދާ އެއްޗަކުން ދައްކާ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން ދައުލަތުން މުސާރަ ލިބޭ މީހުންގެ އާމްދަނީގެ ބޮޑު ބައެއް އެ އަންނަނީ ޓެކްސްތަކުންނެވެ. އެންމެ ގިނައިން ޓެކްސް ދައްކަނީ އަމިއްލަ ވިޔަފާރިތަކުންނެވެ.
ފަހުރުވެރިވުން ހުއްޓެވެ. ހަގީގަތުގައި ފަހުރުވެރި ދިވެހިންނަކީ އެއީ އެވެ. ހަމައެހެން ޓެކްސް ދައްކާ އެ މީހުންގެ ޝަކުވާ ވެސް އެބަ ހުއްޓެވެ.
"އަހަރެންގެ އިންކަމް ޓެކްސް އަރާނެ މަހެއްގެ މައްޗަށް 3،000އަށް ވުރެ ގިނަ ޑޮލަރަށް،" ހަޔާތުގައި މުޅިން ވެސް އަމިއްލަ ވަޒީފާގައި އުޅެމުން އަންނަ މީހަކު ބުންޏެވެ.
"އަހަރެމެން ބުރަ މަސައްކަތުން ހޯދާ ފައިސާއިން ޓެކްސް ދެއްކީމާ ސަރުކާރު ހިންގާ މީހުން މި ހޭދަކޮށްލަނީ ބެލުމެއް ނެތި."
އޭނާގެ ކަންބޮޑުވުމަކީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ، ގައުމު ދަރައި، ދިރިއުޅުމަށް ގޮންޖެހުންތައް ކުރިމަތިވުމެވެ. އޭނާ ބުނީ ސަރުކާރުން އެންމެންނަށް ވަޒީފާ ބަހައިގެން، ނެތް ފައިސާއިން މުސާރަ ދީގެން ގައުމު ކޮޅަށް ނުޖެހޭނެ ކަމަށެވެ.
"މިއީ އަހަރެމެންގެ ވެސް ގައުމު. އެކަމަކު މި ގައުމަށް ސިޔާސީ މީހުން މި ހަދަނީ ހަދާނެ އެއްޗެއް،" އޭނާ ބުންޏެވެ.
ސިޔާސީ ވެރިން ހަދާނެ އެއްޗެއް ހަދަހަދާ އެ ތިއްބެވީ އެވެ. 
އިއްޔެ މި އެނގުނީ އުއްތަމަ ފަނޑިޔާރު ރިޓަޔަކުރެއްވުމުން ވެސް އިނާޔަތަށް މަހަކު ދޭ މިންވަރު 70،000ރ. އަށް އަރާނެ ހުށައެޅުމެއް ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި އޮތް ކަމެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަކުރައްވަން އޮތީ ހުށައަޅުއްވައިފަ އެވެ. އެކަމަކު ތާރީހުގެ ތެރެއަށް އެމަނިކުފާނު އެ ވަންނަވަނީ ސުޕްރީމް ކޯޓުގެ ހިމާޔަތުގައި ހަނު ހުންނަވާފައި ރިޓަޔަމެންޓްގެ ބޮޑު ފައިދާއެއް ހޯއްދަވައިގެންނެވެ.
އިތުބާރު ބޮޑު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްޗަށް ކުއްލި މައްސަލަތަކެއް އުފައްދައިގެން އޭސީސީ އާއި ޖޭއެސްސީން ތެޅިގަތް އިރު ޝަރުއީ ދާއިރާގެ ހައްގުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އެންމެ އެއްޗެއް ވެސް ވިދާޅެއްނުވެ އެވެ. ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީ އާއި ސަރުކާރުގެ ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލިހުން ބޭނުން ގޮތަކަށް ފަނޑިޔާރުންނާ ކުޅުނު އިރު ވެސް އުއްތަމަ ފަނޑިޔާރު ހުންނެވީ، ބޮޑު ބާރެއް އަތްޕުޅުގައި އޮވެމެ، ކުޑަވެގެންނެވެ.
މިހާރު މި ޖެހެނީ އެއްކަލަ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންގެ ޓެކްސް ފައިސާއިން ދައުލަތަށް ލިބޭ އެއްޗަކުން އެމަނިކުފާނުގެ މުޅި އުމުރަށް ވެސް ބޮޑު އެލަވަންސެއް ދޭށެވެ. މިއީ އަޅުގަނޑާ ވާހަކަ ދެއްކި އަމިއްލަ ވިޔަފާރިވެރިޔާގެ މާޔޫސީ ޝަކުވާތައް ގޮސް ޖެހޭ ހިސާބެވެ. 
ގައުމުގެ އެންމެ އިސް ވެރިން ވަޒީފާއިން ވަކިވެވަޑައިގަންނަވާ އިރު ބޮޑު އެލަވަންސްތަކެއް ލިބޭ ގޮތަށް އިންތިޒާމުތައް އެ ހުރީ ހަމަޖައްސައިފަ އެވެ. ކުރީގެ ރައީސުންނަށް ވެސް މި ގައުމުގެ އާމްދަނީއާ ނުބައްދަލު ބިިޔަ މާލީ އެހީތެރިކަމެވެ. އެކި މުއައްސަސާތަކުން ވެސް އެކި ވަރުގެ ބޮޑެތި ރިޓަޔަމަންޓް ޕެކޭޖްތަކާ އެކު މުޅި އުމުރަށް ބޮޑު އެލަވަންސް އެވެ.
އެކަމަކު ގައުމުގެ ހައްގުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކަށް ވުރެ ގިނަ ބޭފުޅުންގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން މާ ބޮޑެވެ. އެއްވެރިޔަކަށް ވުރެ އަނެއް ވެރިއެއްގެ ވެރިކަމުގައި ދަރަނި ބޮޑުކޮށްލަ އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ އިތުބާރު ގެއްލޭ ބަދަލުތައް ގެނެ އެވެ. ގާނޫނުއަސާސީއާ ހިލާފަށް އެތައް ކަމެއް ކުރެ އެވެ. ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ދޮރުތައް ހުޅުވާލަ އެވެ. އެކަން ކުރާ މީހުންނާ މެދު ފިޔަވަޅެއް ނާޅަ އެވެ.
ދުވަހަކު ވެސް ސަރުކާރުގެ މުސާރައެއް ނުނަގައި ދިރިއުޅުން ހޭދަކުރާ ދިވެހިންގެ ހިދުމަތް މާ ފުރިހަމައޭ ބުނަން މި ޖެހެނީ ދައުލަތުން ބޮޑު މުސާރަ ހޯއްދަވާ ބޭފުޅުންގެ ފަތްފުށްތައް ގޯސްކަމުންނެވެ. 
އާނއެކެވެ. އަމިއްލަ ވަޒީފާގައި އުޅޭ ނުވަތަ އަމިއްލަ މަސައްކަތްކުރާ ދިވެހިން ފަހުރުވެރިވުން  ހައްގެވެ. ގައުމު މި ހިނގަނީ ވެސް އެ މީހުންނާ ހެދި އެވެ.
އެމީހުންގެ ޝަކުވާ ބޮޑުވަނީ ވެސް ހައްގު ސަބަބުތަކެއް އޮވެގެންނެވެ. އަމިއްލަ ދާއޮހޮރުވައިގެން ހޯދާ ފައިސާއިން ދައުލަތަށް ދައްކާ އެއްޗަކަށް އަމާނާތްތެރިވުމުގެ ބަދަލުގައި ދައުލަތުގެ ވެރިން އެ ވަނީ ހިޔާނާތެވެ. ފަހުރުވެރި ދިވެހިންގެ ފަރާތުން އެއަށް ވުރެ ބޮޑު ޝަކުވާއެެއް އޮންނާނެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ