ގައުމީ ކްރިކެޓް މުބާރާތުގެ ތަށި ވެސް ސީބީއެލް އަށް ގައުމީ ކްރިކެޓް މުބާރާތުގެ ތަށި ވެސް ސީބީއެލް އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބޭއްވި 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އިން ހޯދައިފި އެވެ.
މިއީ ފާއިތުވި އަށް ވަރަކަށް މަސް ތެރޭގައި ސީބީއެލްގެ ތިން ވަނަ ތަށްޓެވެ.
އެ ގޮތުން، މިދިޔަ އޮގަސްޓް މަހު ސީބީއެލް އިން ވަނީ ޓީ20 ޕްރެޒިޑެންޓްސް ކަޕާއި ޓީ10 ސްމޭޝް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ސީބީއެލުން ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކަޑަމީއާ ބައްދަލުކޮށް 2 ވިކެޓުން މޮޅުވެގެންނެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި، ފައިނަލް މެޗުގެ ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅެން އެރުމަށެވެ. މިލާން ކްރިކެޓް އެކަޑަމީން ކުޅެންއަރައި 38 ވަނަ އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 136 ލަނޑެވެ. އެ ޓީމަށް، އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑުހެދި އަހުމަދު ހަސަން އާއި 21 ލަނޑުހެދި އަހުމަދު އަމީލް މައުރޫފް އެވެ. އެ ގޮތުން، މި އިނިންގްސްގައި ސީބީއެލްގެ ޕްރަދީޕް ތިން ވިކެޓް އާއި ހަރުސަވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ސީބީއެލް އިން ކުޅެންއަރައި 38 އޯވަރުގެ ތެރޭގައި 139 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފަ އެވެ.
އެ ގޮތުން، އެ ޓީމުން، ތާރަކަ 34 ލަނޑު އަދި މަލިތު 29 ލަނޑު ހެދި އެވެ. އަދި މި އިނިންގްސްގައި، މިލާންގެ ލީމް ސަފީގް ދެ ވިކެޓް، އިބްރާހިމް ރިޒާން ދެ ވިކެޓް އަދި އަމީލް ތިން ވިކެޓް ނެގި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީބީއެލްގެ ހަރުސަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒްޔާން އެވެ. މުބާރާތުގެ އެންމެ މޮޅު ބޯލަރަކީ މިލާން ކްރިކެޓް އެކަޑަމީގެ އިބްރާހިމް ރިޒާން އެވެ. އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ މުހައްމަދު އައްޒާމް އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެސް އެކަޑަމީގެ ތަރޫޝާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ