ތީމުގޭ ކުޑަދުރުތަކާއި ފާރުގެ ކުލަ ފޮޅި، ހަލާކު ވަމުން ދަނީ. ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުން ކުރެއްވި ތީމުގޭގައި ކުރިން ހުރި އިމާރާތް ތަޅާލުމަށް ފަހު މިހާރު އެ ހުރި "ގަނޑުވަރު" އަލުން ބިނާކުރަން 207 މިލިއަން ރުފިޔާ (ގާތްގަނޑަކަށް އޭރުގެ ރޭޓުން 17 މިލިއަން ޑޮލަރު) ހަރަދުވެފައިވާ ކަމަށް، 2008 އަހަރުގެ ރިޔާސީ ގަނޑުވަރުގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވޭ. އެއީ މިހާރުގެ ޑޮލަރު ރޭޓުން ބަލާނަމަ 262 މިލިއަން ރުފިޔާ.
ކްރިމިނަލް ކޯޓާ އިންވެގެން ހުރި ތީމުގޭގެ ފާރު. ތީމުގެ އަކީ ކުރިން ވަރަށް ފުރިހަމަ އަށް ބަލަހައްޓައި، އާބާތުރަ ފިލުވަމުން ދިޔަ ތަނެއް. ނަމަވެސް ކުލަ ކޮޅެއްވެސް ހާކާ ނުލާތާ އެތައް އަހަރެއް މިހާރު ވަނީ ވެފައި.
ކްރިމިނަލް ކޯޓާ އިންވެގެން ހުރި ތީމުގޭގެ ފާރު ދުރުން ފެންނަ ގޮތް. މި ފާރުގެ ހާލަތު މަތީގައި އެވާ ކްލޯޒަޕް ފޮޓޯއިން ރަނގަޅަށް އެނގޭނެ.
ތިން ފަންގިފިލާއަށް ބިނާކޮށްފައިވާ ތީމުގެ، ކުރީގެ ރައީސް މައުމޫނުގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުން ކުރެއްވިއިރު، އެ މަނިކުފާނާއި އާއިލާގެ ބޭފުޅުންނާއި މެހުމާނުންނަށް ޖުމުލަ ހަތް ކޮޓަރި ހުރި. ރައީސުންގެ ރަސްމީ ގެކޮޅުގެ ގޮތުގައި ތީމުގެ ބޭނުން ކުރުން ހުއްޓާލައި، އެތަން ކޯޓުތަކަށް ބޭނުން ކުރަން ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި.
މި އިމާރާތުގައި ކޮޓަރިތަކާއި އޮފީސް އިމާރާތުގެ އިތުރުން ކުޅިވަރުކުޅޭނެ ތަނާއި، ސްވިމިން ޕޫލެއް ހުރޭ. އަދި ސްވިމިން ޕޫލަށް ފެން އަޅަން ބިމު އަޑިން ނަގާ ލޮނުފެން ފަނަށް ހަދާ ޕްލާންޓު ހުރޭ.
ތީމުގެ ރިޔާސީ ގަނޑުވަރު ނުވަތަ ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރުން ހުއްޓައިލީ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމަށް ފަހު. 30 އަހަރުގެ ހުދުމުހުތާރު ވެރިކަން 2008 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ބަދަލު ކުރެއްވުމަށް ފަހު، އެ މަނިކުފާނު، ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރައްވަން ފެއްޓެވީ މުލިއާގެ. ނަމަވެސް ކުރީގެ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރަސްމީ ގެކޮޅެއްގެ ގޮތުގައި ފުރަތަމަ ބޭނުން ކުރެއްވީ މިހާރު ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރައްވާ ހިލާލީގެ.
މި ފޮޓޯއިން އެ ފެންނަނީ، ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި ތީމުގެ ބޭނުން ކުރެއްވުން ހުއްޓާލައި، ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން އެތަން ބޭނުން ކުރަން ފެށި ފަހުން، އިމާރާތް ނުބެލެހެއްޓި ފާރުތަކުގައި ބޯކޮށް ހިރަފުސް ހިފައި، ސީލިންގާއި ފާރުތައް ހަލާކުވަމުންދާ މަންޒަރު.
ތީމުގޭގެ ދުންހޮޅީގައި ދަބަރު ޖަހައި، ފަޅައިގެން ގޮސް ބޮލަށް ވެއްޓޭވަރުވެފައި. އަދި މި އަގުބޮޑު އިމާރާތުގެ ބޭރު ފާރުތަކުގައި އެއާކަންޑިޝަންތައް ހަރުކޮށްފައި. ފާރަށް ގެއްލުންވާ ގޮތަށް މި އެއާކަންޑިޝަންތައް ހަރުކޮށްފައި ވަނީ ރައީސްގެ ރަސްމީގެކޮޅުގެ ގޮތުގައި އެތަން ބޭނުންކުރުން ހުއްޓައިލި ފަހުން.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ތީމުގެގޭ މަސައްކަތް ރޭވިފައި ހުރީ އެތަނަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހެން އެތާގެ އެތެރެއިން ހަމަޖެއްސޭފަދަ ފުޅާ ދާއިރާއެއްގައި ކަމަށް، އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމު ނެރުއްވި އޮޑިޓު ރިޕޯޓުގައި ބުނެފައިވޭ. އޭގެ ތެރޭގައި ކައްކާ ކެއުމުގެ ކަންކަމާއި ދޮވެ އިސްތިރުކުރުމާއި ފޮޓޯ ނަގައި ސާފުކޮށް ފްރޭމުކުރމާއި ބަގީޗާ އާއި ގަސް ހެއްުމާއި ވަޑާންކޮށް މަރާމާތުކުރުމާއި ކާރު މަރާމާތުކޮށް ބެލެހެއްޓުމާއި ވަޒީރުނާއި ސްޓޭޓު މިނިސްޓަރުންގެ ކާރު ހޯދައި ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ.
ތީމުގެ އިމާރާތް އާބާތުރަ ފިލުވައި ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާއިރު، އެކަމަށް ބަޖެޓެއް ހަމަޖައްސާ ދީފައި ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ތަކުރާރުކޮށް ބުނެފައިވޭ.
އަގުބޮޑު މި އިމާރާތެއް ވީރާނާވާން ދޫކޮށްލުމަކީ އިހުމާލެއް. ތީމުގޭގެ އާބާތުރަ ފިލައި ރީތި ތަނެއްގެ ގޮތުގައި ދެއްކުން މުހިއްމު ކަމެއް. އޭރުން ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުވާނެ.
އި އިމާރާތުގެ އާބާތުރަ ފިލުވުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ؟ އީދަށް ކުލަ ބޮކި ދިއްލަން، އަސްލު ހިނގާ ކަމަށް ބެލެވޭ ވަރަށް ވުރެ އެތައް ގުނައެއް އަގުބޮޑުކޮށް މަޝްރޫއު ހިންގައި ފައިސާ އިސްރާފު ކުރަމުން ދާއިރު، ތީމުގެ ބާވެ ހަލާކުވަމުންދާ މަންޒަރެއް ރައީސް މުއިއްޒުގެ ސަރުކާރަށް ވެސް ނުފެނޭ. މި ތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ޑީޖޭއޭ އަށް ކުރެވޭނީ އެކަމުގެ ބަޖެޓު ސަރުކާރުން ދޫކޮށްގެން.
ރައްޔިތުންގެ ފައިސާއިން ހަރަދުކޮށް ހަދާފައިވާ އަގުބޮޑު މި "ގަނޑުވަރު" މިގޮތަށް ވީރާނާވާން ދޫކޮށްލުމަކީ ވެވޭ އިހުމާލެއް. މި އިމާރާތް ހަލާކުވަމުންދާކަން ޑީޖޭއޭއިން ތަކުރާރުކޮށް ބުނެފައިވާއިރު، އަޑުއަހާނެ ކަންފަތެއް، ފެންނަ ލޮލެއް ނެތް.
މިއީ ވެސް، ތީމުގެ މިހާރު ހުރި ހާލަތު ވަޒަން ކޮށްލެވޭނެ ފޮޓޯއެއް. މި ފޮޓޯ ސްޓޯރީ ދެން ވެސް ހުރީ ތީމުގެ ނުބަލަހައްޓާތީވެ، އެތަން ހަލާކުވަމުންދާ މަންޒަރު ފެންނަ ފޮޓޯތައް. މިއީ ހަމައެކަނި އެ އިމާރާތުގެ ބޭރުން ހާލަތު ފެންނަ ހުރި ގޮތް.
މިކަމާމެދު ތިޔަ ފަރާތުގެ ޝުއޫރު ކޮމެންޓެއްގެ ގޮތުގައި ހިއްސާ ކުރައްވާށެވެ.
ތީމުގެ ނުބެލެހެއްޓި ވީރާނާ ވަނީ ތީމުގެ ނުބެލެހެއްޓި ވީރާނާ ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ