ރ.ފުއްގިރީގެ ހިޔާނާތާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުންތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކުރައްވައިފިއެވެ.
މި މައްސަލައަކީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެމްއެމްޕީއާރުސީން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާކަމަށްް ބުނާ ހިޔާނާތާއި ގުޅޭ މައްސަލައިގެ ދައުވާތައް ރައްދުވާ މއ.ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދުކުރުމުން، އެކަމާއި ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއުދާއި ފަނޑިޔާރު ޢައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.
ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގާފައިވާކަމަށް ބުނާ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ. ކްރިކް ރިޟާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި 4 ހުށަހެޅުމެއް ޔާމީންގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމަވާފައިވަނީ އޭގެތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓްގައި ހިމެނޭ ފުއްގިރިއާ ގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، އެހެން ހުރިހާ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ.
ބަލައިނުގަތުމަށް ނިންމާފައިވަނީ،
- ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅުއްވި -ހުށަހެޅުމާއި،
- އަލަށް އަމަލު ކުރަން ފެށި ހެއްކާއިބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ހުށަހެޅުމާއި
- ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާއި ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ހުށަހެޅުމެކެވެ.
ކްރިމިނަލް ކޯޓުން އެ 3 ހުށަހެޅުން ބަލައިނުގަތުމަށް ނިންމެވުމުން އެކަމާއި ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމެވުމަށް ތާއީދުކޮށްފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މިމައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން މިރޭ އިއްވެވި ހުކުމްގައި ވަނީ ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅި 3 ހުށަހެޅުމެއް ހައިކޯޓުން ބަލައިނުގަތުމަށް ނިންމެވި ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ފުއްގިރީގެ މައްސަލަ: ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމެވުންތަކަށް ސުޕްރީމް ކޯޓުން ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ