ޗެޓްޖީޕީޓީ ބޭނުންކުރާ ކުޑަކުދިން ދެނެގަންނަން އޭއައި ނިޒާމެއް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި މަޝްހޫރު އޯޕަންއޭއައި ކުންފުނިން ޗެޓްޖީޕީޓީ ބޭނުންކުރާ ކުޑަކުދިން ދެނެގަތުމަށްޓަކައި ޚާއްސަ އޭއައި ނިޒާމެއް ތަޢާރަފުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޫކުރަން ފަށައިފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ އިއުލާންކުރި މި ނިޒާމަކީ ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ ހަރަކާތްތަކަށް ބަލައި، އެ މީހެއްގެ އުމުރު އަންދާޒާކުރާ ނިޒާމެކެވެ. މި ނިޒާމު މަސައްކަތްކުރަނީ ޗެޓްޖީޕީޓީގެ "ބެކް-އެންޑް" ގައެވެ. މިއީ ޔޫޒަރުން ކުރާ ސުވާލުތަކުގެ މައުޟޫއުތަކަށާއި، އެ މީހުން އެންމެ ގިނައިން ޗެޓްޖީޕީޓީ ބޭނުންކުރާ ވަގުތުތަކަށް ބަލައި، އެމީހެއްގެ ހަގީގީ އުމުރު ދެނެގަތުމަށް "ސިގްނަލްތައް" އެއްކުރާ މޮޑެލްއެކެވެ. މީގެ ކުރިން އެކައުންޓް ހަދާއިރު އުފަންދުވަސް ޖަހަން ޖެހުނު ނަމަވެސް، އެއީ ވެރިފައި ކުރެވޭ މައުލޫމާތެއް ނޫން ކަމަށްވާތީ ގިނަ ކުޑަކުދިން ދޮގު އުފަންދުވަސް ޖަހައިގެން މި ޚިދުމަތް ބޭނުންކުރެއެވެ. https://sun.mv/215217 މި ނިޒާމުން 18 އަހަރުން ދަށުގެ ކުއްޖެއްކަން ދެނެގަނެވިއްޖެނަމަ، އެ އެކައުންޓަކަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އޮޓޯއިން އިތުރު ކުރެވޭނެއެވެ. މިގޮތުން އަނިޔާވެރި އަމަލުތަކާއި، ލޭ އޮހޮރުވުން ހިމެނޭ މައުލޫމާތުތަކާއި، ނުރައްކާތެރި ވައިރަލް ޗެލެންޖުތަކުގެ އިތުރުން ޖިންސީ ކަންކަމަށް މަގުފަހިވާ ފަދަ ވާހަކަތައް ދެއްކުން މިފަދަ އެކައުންޓްތަކަށް މަނާވާނެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބައްޓަމާއި ކެއުންބުއިމާ ގުޅޭ ނުރަނގަޅު މިންގަނޑުތައް އިސްތިހާރުކުރާ ކޮންޓެންޓްތައް ވެސް މިފަދަ ޔޫޒަރުންނަށް ނުފެންނާނެއެވެ. ނަމަވެސް، މި ނިޒާމަކީ މުޅިން ފުރިހަމަ ނިޒާމެއް ނޫންކަމަށާއި ބައެއް ފަހަރު ބޮޑެތި މީހުންނަކީ ކުޑަކުދިން ކަމަށް އޮޅިގެން ނިންމިދާނެ ކަމަށް އޯޕަންއޭއައިއިން ބުނެއެވެ. މިފަދަ ހާލަތްތަކުގައި އެއީ ބޮޑު މީހެއްކަން ސާބިތުކޮށްދިނުމަށް "ޕާސޯނާ" ކިޔާ ތާޑް-ޕާޓީ ޕްލެޓްފޯމެއް މެދުވެރިކޮށް އުމުރު ޔަގީންކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އުމުރު ޔަގީންކުރުމަށްޓަކައި ޔޫޒަރުގެ ލައިވް ސެލްފީއަކާއި ސަރުކާރުން ދޫކޮށްފައިވާ އައިޑީ ކާޑެއް ހުށަހަޅަން ޖެހެއެވެ. އައިޑީ ކާޑުގައިވާ ފޮޓޯއާއި ސެލްފީ ދިމާވޭތޯ ބަލައި ޕާސޯނާއިން އުމުރު ކަށަވަރުކޮށްދޭނެއެވެ. އައިޑީ ކާޑު ހުށަހަޅާއިރު ނަމާއި އުފަންދުވަސް ފިޔަވައި އެހެން މައުލޫމާތުތައް ފޮރުވުމުގެ ފުރުސަތު ޔޫޒަރަށް އޮންނާނެއެވެ. އަދި، ހުށަހަޅާ ލިޔެކިޔުންތައް ހަތް ދުވަހުގެ ތެރޭގައި އެއްކޮށް ފޮހެލާނެ ކަމަށް އެކުންފުނިން ބުނެއެވެ. މި ނިޒާމު މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަށް ތައާރަފުކޮށްފައިވާއިރު، ޔޫރަޕްގެ ގައުމުތަކަށް މި ޚިދުމަތް ލިބޭނީ އެ ސަރަހައްދުގެ ގަވާއިދުތަކާ އެއްގޮތަށް ބަދަލުތައް ގެނައުމަށް ފަހު، ކުރިއަށް އޮތް ހަފުތާތަކުގައެވެ. އޯޕަންއޭއައިއިން ބުނިގޮތުގައި ޔޫޒަރުން ބޭނުންނަމަ އަމިއްލައަށް އިސްނަގައިގެން ވެސް އުމުރު ޔަގީންކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ