( 24 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)
( ގޯހެއް ހެދުނުކަމަށް ޙައިދަރަށް އެއްބަސްވެވުނުކަން އެއީވެސް ލައްކަ ވަރެކެވެ. އެކަމަށް ޙައިދަރު އެއްބަސް ނުވިޔަސް ކުލްސޫމްމެންނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. މެހެމަލްގެ ފަހަތުން ނުދުވެއެއް ޙައިދަރަކަށް ނުހުރެވޭނެއެވެ.)
ޙައިދަރާމެދު ، މަންމައާއި ދިލްނަޝީނާ ދެމީހުން އެގޮތަށް އެދެކެނީ ކީއްވެގެންކަމެއް ޙައިދަރަކަށް ނޭނގެއެވެ. އޭނާވަނީ ، ޢަހުދުނާމާއެއް ލިޔެ ، މަންމަޔަށް ދީފައެވެ. އެންމެ ދެރަވެގެން ، މަންމަ އޭނާއަށް އިތުބާރުކުރަން ވާނެ ނޫން ހެއްޔެވެ؟
އެކަމުގައި ޙައިދަރަށް އިތުބާރުކުރަން ދިލްނަޝީނަށް އޮތް ސަބަބަކީ ކޮބައި ހެއްޔެވެ ؟ ޙައިދަރުގެ ވަޢުދުތައްވެ ، ޢަހުދުނާމާގައި ސޮއިކުރިކަން އެނގޭނީ ކުލްސޫމަށް އެކަންޏެވެ. ޙައިދަރުގެ ޢަމަލުތަކަށް ކުލްސޫމް އިތުބާރުކޮށްފާނެއެވެ.
" މެހެމަލް މިގެޔަށް ތިގެނައީ ، މެހެމަލްގެ ޙާލަށް މަންމަގެ ހިތުގައި ހަމްދަރުދީ އުފެދިގެންކަމަކަށް އަހަރެންނަކަށް ނުފެނެއެވެ. އެކަންކުރީ ، އަހަރެންނާއި އަހަރެންގެ ކައިވެނީގެ ޙަޔާތް ، ސަލާމަތް ކުރަންވެގެންނެވެ. " ޙައިދަރު ބުންޏެވެ.
ކުލްސޫމް އެކުރިކަމެއްކުރީ ، ކީއްވެގެންކަން ޙައިދަރަށް ވިސްނުނުކަން އެއީ ރަނގަޅު ކަމެކެވެ. އެހެނަސް ، އޭގެފަހުން ، ޙައިދަރު ސަމާލުވެހުރުމަށް ކުލްސޫމް އިންޒާރު ކުރިއެވެ. ކުލްސޫމްގެ ލޮލަކަށް ، ޙައިދަރަކަށް އެއްވެސްކަމެއް ނުފޮރުވޭނެއެވެ. ދިލްނަޝީންގެ ޅަހިތަށް ، ޙައިދަރުގެ ޢަމަލުތަކުގެ މަޤްޞަދާއި ބޭނުން ނުވަދެ އޮވެދާނެއެވެ. މެހެމަލް އެޖަހާ ސަކަރާތެއްގެ ބޭނުން ދިލްނަޝީނަށް ނޭނގިދާނެއެވެ. އެކަމަކު ، އެހުރިހާކަމެއް ކުލްސޫމަށް އެނގޭނެއެވެ. އެގޭތެރޭގައި ހިނގާ އެއްވެސްކަމެއް ކުލްސޫމަށް ނޭނގިއެއް ނުހުންނާނެކަމުގައި ކުލްސޫމް ބުންޏެވެ. ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ، މަންމަޔާ ސަލާމްކޮށްލާފައި ޙައިދަރު އޭނާގެ ކޮޓަރިޔަށް ދިޔައެވެ.
ދެން ، މަންމަ ކުރާނީ ކީއްތޯ ، ޢާފިޔާ އޭނާގެ މައިދައިތަ އަނީސާއާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ ފޯނެއް ޢާފިޔާއަށް ލިބުނެވެ. ދިލްނަޝީން ބުނިގޮތުގައި ، މެހެމަލްއޭ ކިޔާ އެކުއްޖާ ، ހޮޓަލުން ގެނެސް އެގެޔަށް ލައިފިއެވެ. އެކަންކުރީ ޚުދު ކުލްސޫމެވެ.
ޢާފިޔާގެ ފޯނު އަތުލައި އަނީސާ ، ދިލްނަޝީނާ ގުޅިއެވެ.
" އެކުއްޖާ ގެޔަށް އައިމަ ، ދިލްނަޝީން ދެން ކުރާނީ ކީއްހެއްޔެވެ ؟ ކުރިން ހެދިގޮތަށް ގެއިން ނުކުމެގެން އަހަރެމެންގެ ގެޔަށް އަލުން އަންނާނީ ހެއްޔެވެ ؟ އޭރަށް އެކުއްޖާއަށް ތިގެ ހިތަކަށް ލިބޭނެއެވެ. އަދި ، ޙައިދަރުގެ ހަމްދަރުދީ ހޯދައިގެން ، ދިލްނަޝީންގެ ފިރިމީހާވެސް ދަމައިގަންނާނީއެވެ. ދިލްނަޝީން ބޭނުންވަނީ ، އެ ފުރުޞަތު މެހެމަލްއަށް ދޭންހެއްޔެވެ ؟ އަނީސާ ، ދިލްނަޝީނާ ދިމާލަށް އެތިވަރުގޮވަމުން ގެންދިޔައެވެ.
މެހެމަލް އޭނާގެ އަތުން ދަމއިގަތުމަށްޓަކައި ، މާގިނަ މަސައްކަތްތަކެއް ކުރަން މެހެމަލްއަށް ނުޖެހޭނެކަމުގައިބުނެ ، ދިލްނަޝީން އޭނާގެ މަންމަގެ ސުއާލުތަކަށް ޖަވާބު ދިނެވެ.
އެގެޔަކީ ދިލްނަޝީންގެ ގެ ކަމަށާއި ޙައިދަރަކީ ، ދިލްނަޝީންގެ ފިރިމީހާކަމުގައި އަނީސާ ބުންޏެވެ. އެއީ ދިލްނަޝީނަށްވެސް އެނގޭ ކަމެކެވެ. އޭނާ ދިރިއުޅެމުން އެގެންދަނީ އެ ޙަޤީޤަތުގެ މަތީގައެވެ. އަނީސާގެ ވާހަކަ އެހިސާބުން ނިންމައެއް ނުލިއެވެ. އެގެއާއި ފިރިމީހާ ، މެހެމަލްގެ ކިބައިން ސަލާމަތްކުރުން އެއީ ، ދިލްނަޝީންގެ ޒިންމާއެއްކަމަށް އަނީސާ ބުންޏެވެ. އެކަން ކުރާނެގޮތް އެނގޭނީ ދިލްނަޝީނަށެވެ. އެކަމުގައި އަނީސާގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އަދި ، ބޮޑާ ހާކާފައި ދެވަނަފަހަރަށް އެގެޔަށް އައިސް ، އެމީހުންނާއެކީ ދިރިއުޅުމަށް ، ދިލްނަޝީނަކަށް ފުރުޞަތެއް ނޯންނާނެކަމުގައި އަނީސާ ބުންޏެވެ.
ޢާފިޔާއަށް ދިލްނަޝީން ފޯނުކޮށްލީ ، އެގެޔަށް ދާންވެގެންނެއްނޫނެވެ. ދިލްނަޝީންގެ ހިތުގައިވާ ހާސްކަން ކުޑަކޮށްލުމަށް ކޮންމެވެސް މީހަކާ އެހިތްދަތިކަން ޙިއްޞާކޮށްލަން ވެގެންނެވެ. މަންމަ އޭނާއާ އެގޮތަށް އެހާ އިދިކޮޅު ވިސްނުމެއްގައި އަބަދު އެވާހަކަ އެދައްކަނީ ކީއްވެގެންކަމެއް ދިލްނަޝީނަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުމުގެ އެއްވެސްކަމެއްގައި ދިލްނަޝީނަކަށް އެއްވެސް އިޚްތިޔާރެއް ނެތެވެ. މީހަކާ އިންނަންވީވެސް މަންމަ ދައްކާ މީހަކާއެވެ. މީހަކާ އިނދެގެން ފިރިމީހާގެ ގެޔަށްގޮސް އުޅެންވީވެސް މަންމަ ބުނާ ގޮތަކަށެވެ. އޭނާގެ އަމިއްލަ އިޙްސާސްތަކާއި ޖަޒުބާތަށް އެއްވެސް ޙައްޤެއް ނެތެވެ. އެއީ ކޮންކަހަލަ މަޔެއް ހެއްޔެވެ ؟
އަނީސާގެ ވާހަކަތަކަށް ކެތްނުކުރެވިގެން ދިލްނަޝީނަށް ރޮވުނެވެ. މަންމަ އެދެއްކި ވާހަކަތަކުން ދިލްނަޝީނަށް އެނގުނީ ، މަންމަމެންގެ ގެޔާ ދިލްނަޝީނާ އެއްވެސް ގުޅުމެއް ނެތްކަމެވެ. އެގޭގެ މައްޗަށް ދިލްނަޝީންގެ އެއްވެސް ޙައްޤެއްނެތްކަން އެނގިއްޖެކަމުގައި ދިލްނަޝީން ބުންޏެވެ.
އަނީސާގެ ހިތްހަރުކަމާމެދު ޢާފިޔާވެސް ހުރީ ޙައިރާން ވެފައެވެ. ދިލްނަޝީނާ އެގެޔާދެމެދު އޮންނާނީ އާދައިގެ އެހެންމީހުންނާ އެގެޔާ ދެމެދު އޮންނަ ކަހަލަ ގުޅުމެއްކަމަށް އަނީސާ ބުންޏެވެ. ފިރިމީހާއާއެކީ އެގެޔަށް ޒިޔާރަތް ކޮށްލެވިދާނެއެވެ. ވާހަކަ ދައްކާ ހަދާލާފައި އެނބުރި ދާޏްޖެހޭނީ ފިރިމީހާގެ ގެޔަށެވެ. އެގޭގައި ހުންނަން ދިލްނަޝީނަށް އެގެޔަށް ނާދެވޭނެކަން އަނީސާ ހަނދާން ކޮށްދިނެވެ.
އެހެންކަމަށް ވަންޏާ ، އެގެޔަށް އޭނާ ދެން ނުދާނެކަމުގައި ދިލްނަޝީން ބުންޏެވެ. އަދި ، އިތުރު ވާހަކަނުދައްކައި ފޯނު ކަނޑައިލިއެވެ. ފޯނު ކަނޑައިލުމަށްފަހު ، އަނީސާ ދެން ކުރިމަތިލީ ޢާފިޔާއާއެވެ. ދިލްނަޝީން އެދައްކާ ވާހަކަތަކުގެ އަޑުއަހައިގެން ދިލްނަޝީނަށް ހަމްދަރުދީވެގެން ނުއުޅުމަށް ، ޢާފިޔާއަށް އަނީސާ އެންގިއެވެ. އަނީސާގެ ކަންބޮޑުވުމަކީ ، އަނެއްކާވެސް ، ބޮޑާހާކާފައި ދިލްނަޝީންއެގެޔަށް އަތުވެދާނެތީއެވެ. އެކަމަށް ވިސްނައިގެން ޢާފިޔާ އުޅުމަށް އަނީސާ އެންގިއެވެ.
ފެންބޮވައިގަނެގެން ފެންބޯން ތިރިޔަށް އައިސް މެހެމަލް އުޅެނިކޮށް ، ދިލްނަޝީނަށްވެސް ތިރިޔަށް ފޭބުނެވެ. ދިލްނަޝީން ބޭނުންވީ ، ގެއިން ބޭރަށް ނުކުމެ ބަގީޗާތެރޭ ޖައްސާލައިގެން އިނދެ ، ހިތަށް ހަމަޖެހުމެއްލިބޭތޯ ބޭރުގައި މަޑުކޮށްލުމަށެވެ. ރޭގަނޑުގެ ހަމަހިމޭންކަމުންވެސް ކޮންމެވެސް ހަމަޖެހުމެއް ހިތަށް ލިބިދާނެއެވެ.
ދިލްނަޝީން ވިސްނަނީ ކޮންގޮތަކަށްތޯ މެހެމަލް ސުއާލު ކުރިއެވެ. އަނެއްކާވެސް އޭނާއާ ކުރިމަތިލާން އެޖެހުނީ އެއްކަލަ މެހެމަލް އާއެވެ. ދިލްނަޝީން ، ޗޮކެއް ކަނޑާފައި ހުއްޓިލިއެވެ. ދިލްނަޝީނަށް އުނދަގޫކޮށްނުލައި މެހެމަލްއަކަށް ނުހުރެވުނެވެ. ދިލްނަޝީނާ ގާތަށް ޖެހިލައި ، ފަޚުރުވެރިކަމާއެކީ ، ދިލްނަޝީނާ ދިމާއަށް ބަލައިލިއެވެ. މެހެމަލް އޭނާއާ އެކުރަނީ ކޮން ސުއާލެއްކަމެއް ދިލްނަޝީނަކަށް ނޭނގުނެވެ.
" އަތުޖެހުނުވަރަކަށް ރުފިޔާ ހިފައިގެން ، ސަލާމަތުން މިގެއިން ނުކުމެގެން ދާށެވެ. އަދި ، އެލާރިން ، ދިލްނަޝީންދެކެ ޙަޤީޤީ ލޯބިވާމީހަކާއެކީ ، ކުރިޔަށް އޮތްތަނުގައި އުފަލުގައި އުޅޭށެވެ. ދިލްނަޝީނަށް ލިބިފައި ތިއޮތީ ރަނުގެ ފުރުޞަތެކެވެ. " މެހެމަލް ބުންޏެވެ. މެހެމަލް އެބުނި ވާހަކަޔަކުން ، ޙަމްޒާގެ ހަނދާންތައް އޭނާގެ ވަށައިގެން އެނބުރިގަތެވެ.
ދިލްނަޝީން އޭނާގެ ޚިޔާލީ ދުނިޔެއަށް ގެއްލިފައިހުއްޓާ ، މީހެއްގެ މަތިން ހަނދާންވީތޯ މެހެމަލް ސުއާލު ކުރިއެވެ. ހަނދާނަކީ މާޒީއާ ގުޅިފައި އޮންނަ އެއްޗެއްކަން ، މެހެމަލް އަށް ދިލްނަޝީން ހަނދާން ކޮށްދިނެވެ. މެހެމަލްގެ އޮތްފަދަ ހުތުރު މާޒީއެއް ދިލްނަޝީންގެ ނެތްކަމަށް ދިލްނަޝީން ބުންޏެވެ.
މެހެމަލްގެ މާޒީއަކީ ، ޙައިދަރުގެ ލޯބިކަން އެއީ މެހެމަލްއަށް ދިލްނަޝީންގާތު ބުނަންޖެހޭނެ ވާހަކައެއްނޫނެވެ. އެހުރިހާކަމެއް މިހާރު އެއޮތީ ދިލްނަޝީނަށް އެނގިފައެވެ. އެއީ ، އެގޭތެރެޔަށް އާ ވާހަކައެއްނޫނެވެ. އެގެޔާ ގުޅިފައިވާ އެއްވެސް މީހަކަށް އެއީ ސިއްރެއްނޫނެވެ. މެހެމަލް އެގެޔަށް އެއަންނަނީ ، ޙައިދަރުގެ ލޯބި ހޯދަންވެގެންނެވެ.
" ތިބުނާ ލޯތްބެއް ހޯދަން އުޅެނިކޮށް ، އަނެއްކާ މުޅި ދިރިއުޅުން ބަރުބާދުވެގެންނެއް ނުދާނެ ބާވައެވެ ؟ " ދިލްނަޝީން ބުންޏެވެ.
މެހެމަލްގެ ޙާލަށް އޭނާ ދޫކޮށްލާފައި ، ދިލްނަޝީންގެ އަމިއްލަ ޙާލަށް ސަމާލުކަން ދިނުމަށް މެހެމަލް ބުންޏެވެ. އެހެނީ ، މެހެމަލް މިހާރު އެހުރީ ޙައިދަރުގެ ލޯބި ހޯދަމުންއައިސް އެ ލޯބި އޮތް ހިސާބަކަށް އާދެވިފައެވެ. ދެން އޮންނާނީ ، އޭނާގެ ހިތަށް އެލޯބި އިޙްސާސްކޮށްލުމެވެ. އެއީކީ ، މެހެމަލްއަށް އެހާބޮޑުކަމެއްނޫނެވެ. މެހެމަލް އެންމެ ދެރަވަނީ ، ދިލްނަޝީން އެކަނިވެ ދުނިޔެއިން ބޭކާރުވެގެން ހިނގައިދާނެތީއެވެ. އެކަމަކު އެހެން މީހަކަށް ލިބޭނެ ދެރަޔަކަށް ބަލައިގެން ، ، އޭނާގެ ކުޑައިރުގެ ލޯބި ދޫކޮށްލެވެން ނޯންނާނެކަމަށް މެހެމަލް ބުންޏެވެ. އަތުޖެހުނު ވަރަކަށް ރުފިޔާ އަތުލައިގެން އެގެއިން ނުކުމެގެން ގޮސް އުފަލާއި އަރާމުގައި ދިރިއުޅެން ، ދިލްނަޝީނަށް މެހެމަލް އެ ނަޞޭޙަތްދެނީ އެހެންވެގެންނެވެ. އޭރަކަށް ، ދިލްނަޝީނަކަށްވެސް މާބޮޑު ތަކުލީފެއް ނުލިބޭނެއެވެ. މީހަކާ އިނދެ ، އަނތްބަކާ ފިރިއަކާ ދެމެދު އޮންނަންޖެހޭ ގުޚުން ނުއުފެދެނިސް ، އަންހެނަކު ޢަމަލުކުރަން އެންމެ ބުއްދިވެރިގޮތަކީ އެއީކަމަށް މެހެމަލް ބުންޏެވެ.
ދިލްނަޝީންދޭ ނަޞޭޙަތެއް އެއްފަހަރު ނަމަވެސް މެހެމަލް ޤަބޫލުކޮށްނުލާންވީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދިލްނަޝީނާމެދު ޚިޔާލުކުރުމުގެ ބަދަލުގައި މެހެމަލްއަށް ކުރިމަތިލާން ޖެހިދާނެ ތޫފާނަކާމެދު ފިކުރުކޮށްލުމަށް ދިލްނަޝީން ބުންޏެވެ.
" ސަބަބަކީ ، މިގެޔަކީ އަހަރެންގެ ފިރިމީހާގެ ގެޔެވެ. އަހަރެން މިގޭގައި މިއުޅެނީ ވަރަށް މުއްސަނދި ދިރިއުޅުމެކެވެ. ބޭނުންވާ ކޮންމެ ކަމެއް ފުރިހަމަކޮށްގެންނެވެ. މިގެއާއި ޙައިދަރު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތެވެ. އެކަމަކު ، މެހެމަލްއަށް އަހަރެން ލަފައެއް ދެން ހެއްޔެވެ ؟ މެހެމަލްގެ އަމިއްލަ ހިތަށް ހުވަފެން ދައްކައިގެން އެހިތް ހައްލައިލުން ހުއްޓާލާށެވެ. އެހިތަށް އޮޅުވައި ނުލާށެވެ. ނުފިލާވަރުގެ ތަދެއް އެހިތުގައި އުފެދިދާނެއެވެ. " ދިލްނަޝީން ބުންޏެވެ.
މެހެމަލްގެ މޭގައި އެއްއިނގިލިން ކޮށްޓައިލުމަށްފަހު ، ހިނިތުންވެލައިގެންހުރެ ، ދިލްނަޝީން ބޭރަށް ނުކުތެވެ. މެހެމަލްހުރީ ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދަމުންދަމުންވެސް ، ފަހަތަށް މޫނު އަނބުރާލައި ، މާނަފުންގޮތަކަށް ، މެހެމަލްއާ ދިމާލަށް ދިލްނަޝީން ބަލައިލިއެވެ.
ހެނދުނުހެނދުނާ އޮފީހަށްދާން ތައްޔާރުވެލައިގެން ، ޙައިދަރު ނުކުންނަމުން ދިލްނަޝީނާ ދިމާއަށް ބަލައިލިއެވެ. ދިލްނަޝީންވެސް އިނީ ޙައިދަރާދިމާލަށް ބަލަހައްޓައިގެންނެވެ. ދިލްނަޝީން ކޮންމެވެސް ކަމެއް ބޭނުންވެފައި އިންހެން ހީވިގެން ކުރިސުއާލަށް ، އޭނާ ބޭނުންވާކަމެއް އެބައޮތްކަމަށް ދިލްނަޝީން ޖަވާބު ދިނެވެ.
ހިތާއި ފުރާނައިން ، ދިލްނަޝީން އެ ބޭނުންވާކަމެއް ފުރިހަމަކޮށްދޭނެކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީނަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ ؟ އޭނާ ބޭނުންވާނީ ބާޒާރަށް ދާށެވެ. ޙައިދަރާ އެކީގައެވެ. ޙައިދަރުގެ ކްރެޑިޓްކާރޑް ދީގެން މިފަހަރު ފަރަކު ނުޖެހޭނެއެވެ. އޭނާ ޝޮޕިންގއަށްދާން ބޭނުންވީ ޙައިދަރު ގޮވައިގެންނެވެ. އެއީ ، ޙައިދަރަށް ޙައިރާންކަން ލިބުނު ކަމެކެވެ. އަދި އުފާވެސްވީ ކަމެކެވެ. ޙައިދަރާއެކީ ޝޮޕިންގއަށްދާން ދެން ހުންނާނީ ، އެހެން ކާކު ހެއްޔެވެ ؟ ޙައިދަރު އައިސް ، ދިލްނަޝީންގެ މޫނުގައި ފިރުމާލިއެވެ. ޙައިދަރު އިތުރަށް އެއްޗެއް ބުނަން އުޅެނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. އެއީ މެހެމަލްއެވެ. މެހެމަލްވަނުމަށް އެދުމުން ، ކޮޓަރިތެރެޔަށް ވަނެވެ.
މެހެމަލް އެއައީ ވާހަކައެއް ބުނަން ވެގެންނެވެ. އޮފީހަށް ހިނގައްޖިއްޔާ ، މެހެމަލްއަކަށް ޙައިދަރާ ވާހަކަ ދައްކައެއް ނުލެވޭނެއެވެ. މެހެމަލް ބޭނުންވީ ، ކޯޓަށް ދާށެވެ. އޭނާ ގޮވައިގެން ޙައިދަރު ގޮސްދިނުމަށެވެ. އަންޞާބުގާތުން ވަރިވާން ނޯޓިސް ފޮނުވަންވެގެންނެވެ.
އެއީ ކީއްކުރަން މެހެމަލް ކުރަން އުޅޭކަމެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އަންޞާބުވެސް ބޭނުންވަނީ ވަރިވާށެވެ. އެކަން ، އަންޞާބުގެ އަތްމައްޗަށް ދޫކޮށްލުމަށް ޙައިދަރު އެދުނެވެ. ކޯޓަށްގޮސް އަންޞާބާ ޒުވާބުކޮށް ހެދުމުގެ ބޭނުމެއް ނެތެވެ. މެހެމަލް ކޯޓަށް ނުގެންގޮސްވެސް ، އަންޞާބު އެކަން ހަމަޖައްސާލަ ފާނެއެވެ.
މެހެމަލް ބޭނުންވަނީ އަންޞާބާ ކުރިމަތިލާކަށް ނޫނެވެ. ވަރީގެ ބަދަލުގައި އެއްވެސް އެއްޗެއްވެސް މެހެމަލް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ، އަންޞާބަށް ވަރީގެ ނޯޓިސް ފޮނުވައިގެން ، އަންޞާބުގާތުން ވަރިވަނީ އޭނާކަން ދުނިޔެއަށް ދެއްކުމެވެ. އަންޞާބު އިސްވެ ، އޭނާވަރިކޮށްފިނަމަ ، އެއީ މެހެމަލްއަށްލިބޭނެ ލަދުވެތިކަމަކަށް ވާނެތީއެވެ. އެދެމީހުން ވަކިވީ އަންޞާބު ބޭނުންވެގެންކަމުގައި ވާކަށް މެހެމަލް ބޭނުމެއްނޫނެވެ. އޭގެ ބަދަލުގައި އެދެމީހުން ވަކިވީ ، މެހެމަލް ބޭނުންވެގެންކަން ދައްކަން މެހެމަލް ބޭނުންވިއެވެ.
" އަހަރެންގެ ހިތަށް އެހާ އަނިޔާދިން މީހަކު ބޭނުންވެގެން އަހަރެން ދޫކޮށްލަނީކަން ދުނިޔެއަށް އެނގޭކަށް އަހަރެން ބޭނުމެއްނޫނެވެ. އަންޞާބުގެ ގާތުން ވަރިވާން އެދިގެން އަންޞާބު ލަދުގަންނުވައިލަން އަހަރެން ބޭނުމެވެ. ޙައިދަރު އަހަރެންނާއެކީ ، ކޯޓަށް ގޮސްދީފާނަން ހެއްޔެވެ ؟ " ރޮއިގެންފައި މެހެމަލް ބުންޏެވެ.
ޙައިދަރުގެ ހަމްދަރުދީ ހޯދުމަށްޓަކައި ، މެހެމަލް ރޮއިގެންފިނަމަ ، އޭނާ އެދޫކޮށްލި ވިހަތީރު ، ޙައިދަރުގެ މެޔަށް ހެރޭނެކަން މެހެމަލް އަށް އެނގެއެވެ. ޙައިދަރަށް ފަސްމިނިޓެއްހާއިރު ދިނުމަށް އެދެމުން ، މެހެމަލް ތިރީގައި މަޑުކޮށްލުމަށް ޙައިދަރު ބުންޏެވެ. މެހެމަލް ދިއުމާއެކީ ، ދިލްނަޝީނަށް ޙައިދަރު ގޮވައިލިއެވެ.
" އަހަރެންނަށް އެނގިއްޖެއެވެ. ދެން އިތުރު ވާހަކައެއް ދައްކާނެކަމެއް ނެތެވެ. ޙައިދަރުގެ ޕްރޮގްރާމް ބަދަލުކޮށްލިގޮތަށް އަހަރެން ، އަހަރެންގެ ބޭނުންވެސް ބަދަލުކޮށްލައިފީމެވެ. ދެން އޮފީހަށްދާށެވެ . " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީނަށް ދޭނެ ޖަވާބެއް ޙައިދަރަކަށް ނޭނގުނެވެ. އިރުކޮޅަކު ހުރުމަށްފަހު ، ޙައިދަރުވެސް ކޮޓަރިން ނުކުތެވެ. ޙައިދަރު ނުކުތުމާއެކު މާގިނައިރެއް ނުވެއެވެ. ކުލްސޫމް އައިސް ކޮޓަރިޔަށްވަނެވެ.
ކުލްސޫމް އެއައީ ، ދިލްނަޝީނަށް ހިތްވަރުދީ ، މެހެމަލް ބަލިކޮށްލެވޭނެ އުއްމީދީ ވާހަކަތަކެއް ދިލްނަޝީނާ ދައްކާށެވެ. ކަންބޮޑުވެފައި އިން ދިލްނަޝީނަށް ތަސައްލީ ލިބި ، އުއްއމީދު އާވެގެންދިޔައެވެ. ކުލްސޫމް ނުކުމެގެން އެދިޔައީ ، މެހެމަލް ބަލިކޮށްލުމަށްޓަކައި ، ދިލްނަޝީންގެ ޢަޒުމް ވަރުގަދަ ކޮށްދީ އެކަމަށް ދިލްނަޝީން ލައްވާ އެއްބަސް ކުރުވާފައެވެ. މިލާމޯޅިވެފައިވާ ، ދިލްނަޝީންގެ މޫނުމައްޗަށް ، ފޮނި ހިނިތުންވުމެއް ގެނެސްދީފައެވެ.
ކޯޓަށްދިޔަ މަގުމަތީ ، އަނގަހުއްޓާނުލައި މެހެމަލް ވާހަކަ ދައްކަމުން ގެންދިޔައެވެ. މިނިވަންކަމާއެކީ ޙައިދަރާ ވާހަކަ ދައްކައިލުމަށް ލިބުނު ފުރުޞަތުގެ ބޭނުން މެހެމަލް ހިފަމުން ގެންދިޔައެވެ.
ބަދަލެއް އައިސްގެން އުޅެނީ ، މެހެމަލްގެ ދިރިއުޅުމަށްކަމަށާއި އޭނާގެ ދިރިއުޅުމަށްނޫންކަމުގައި ، ޙައިދަރު ބުނަމުން ގެންދިޔައެވެ. މެހެމަލް ދައްކާ އެއްވެސް ވާހަކައެއް ޙައިދަރު ޤަބޫލެއް ނުކުރެއެވެ.
" އެހެންވީމަ ، ޙައިދަރުގެ ދިރިއުޅުމުން އަހަރެން އެއްކޮށް ނެރެ ، އެކަހެރިކޮށްލަނީ ހެއްޔެވެ ؟ އަހަރެން އެކަނިވެރިކޮށްލަނީ ހެއްޔެވެ ؟ އަހަރެންނަށް ޙައިދަރު ބޭނުންވި އެންމެ މުހިންމު ދަނޑިވަޅުގައި އެހެންހަދަން ވެދާނެ ހެއްޔެވެ ؟ އެކަންކުރަން ޙައިދަރަށް ކެރިދާނެ ހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.
މެހެމަލްގެ އަތް ދޫކޮށްލީ ޙައިދަރެއްނޫނެވެ. ޙައިދަރުގެ އަތް މެހެމަލްގެ އަތުން ދަމައިގަތީ މެހެމަލްއެވެ. އެދެމީހުން ވަކިވުމުގައި ، އިސްނެގީ މެހެމަލްއެވެ. ޙައިދަރާ ވަކިވާން ބޭނުންވީ މެހެމަލްއެވެ. އެހެންކަމަށް ވަންޏާ ، އެކަމުގައި ޝަކުވާއެއް ކުރުމުގެ އެއްވެސް ޙައްޤެއް ، މެހެމަލްއަށް ލިބިގެން ނުވާކަމުގައި ޙައިދަރު ބުންޏެވެ.
އޭގެފަހުން މެހެމަލް ، ޙައިދަރު ދޫކޮށް ނުލާނެކަމަށް މެހެމަލް ބުނަމުން ގެންދިޔައެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރާނެއެވެ.
" ޙައިދަރުވެސް ، އަހަރެން ޝަކުވާކުރަން ފުރުޞަތު ނުދޭށެވެ. ދިލްނަޝީނަކީ ޙައިދަރުގެ އަނބިމީހާއެވެ. އެކަން އަހަރެން ޤަބޫލު ކުރަމެވެ. އެއީ އަހަރެން ވިސްނާކަމެއްނޫނެވެ. ޙައިދަރު ހަމައެކަނި ކޮށްދޭންވީ ކަމަކީ ، އަހަރެންނާ ކައިވެނިކޮށް ، ޙައިދަރުގެ ނަމާ އަހަރެންގެ ނަން ގުޅުވައިލަދިނުމެވެ. ދިލްނަޝީންގެ ފަރާތުން ނުލިބޭނެ އުފަލާއި އަރާމު ، އަހަރެން ޙައިދަރަށް ދޭނަމެވެ. ދިލްނަޝީނަށްވުރެ ބޮޑަށް ލޯބިވެސް ވާނަމެވެ. ޙައިދަރުގެ ފަރާތުން ، އިތުރުކަމެއް އަހަރެން ބޭނުމެއް ނޫނެވެ. " މެހެމަލް ބުންޏެވެ.
ޙައިދަރުގެ އުނގުގައި މެހެމަލްގެ އަތްބާއްވައިލުމާއެކީ ، މެހެމަލްގެ އަތްނަގައި ޙައިދަރު ހޫރައިލިއެވެ. އެވަރަކުންވެސް މެހެމަލް މައިތިރިއެއް ނުވިއެވެ. އޭނާގާތަކަށް ރުޅިއެއްވެސް ނައެވެ. ދެ އަނބިން ގެންގުޅުމަކީ ، ހަމައެކަނި ޙައިދަރުކުރާކަމެއްނޫންކަން މެހެމަލް ، ޙައިދަރަށް ހަނދާން ކޮށްދިނެވެ. އެއީ ގޯސްކަމެއްނޫންކަން ޙައިދަރަށް ވިސްނައިދިނުމަށްޓަކައި މެހެމަލް މަސައްކަތް ކުރިއެވެ.
އެއީ ޙައިދަރަށް ކުރެވެން އޮތްކަމެއްނޫންކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރުގެ މަންމަވެސް އެކަމަކަށް އެއްބަހެއް ނުވާނެއެވެ. މަންމަގެ ގޮތް އެންމެބޮޑަށް އެނގޭނީ މެހެމަލް އަށެވެ. މަންމައަކަށް އެކަމަކުން އެއްވެސް އުފަލެއްވެސް ނުލިބޭނެއެވެ.
" މައްސަލައެއް ނެތެވެ. އަހަރެންނަށް މިހާރު ކަމެއް އެނގިއްޖެއެވެ. ޙައިދަރަށް އަހަރެންނާ ކައިވެނިކުރެވެން ނެތީ މަންމަ އެއްބަސްނުވާނެތީއެވެ. އަހަރެންދެކެ ޙައިދަރު ލޯބިވާކަން އެނގުންވެސް އެއީ އަހަރެންނަށް މިވަގުތަށް ފުދޭނެ މިންވަރެކެވެ. އެކަމަކު ، ޙައިދަރާ ކައިވެނިނުކޮށް އަހަރެން ހުއްޓައެއް ނުލާނަމެވެ. " މެހެމަލް ބުންޏެވެ.
މެހެމަލްގާތު ، އެކަހަލަ ވާހަކައެއް ޙައިދަރެއް ނުދައްކައެވެ. އެހެނަސް ، ޙައިދަރު ދެންމެ އެބުނި ވާހަކައިގެ މާނަ ، މެހެމަލް ނެގީ އެގޮތަށެވެ. ޙައިދަރު އެއުޅެނީ ، އޭނާގެ ހިތުގައިވާ އެއްޗެއް ސާފުކޮށް ބުނަން ނުކެރިގެންނެވެ. ނޫނީ ބުނަން ނޭނގިގެންނެވެ. މެހެމަލްގެ މައްޗަށް އޮތް ހަމްދަރުދީއެއްގެ ސަބަބުން ، އެވާހަކަ ބުނަން ބިރުންނެވެ. ކޮންމެ ގޮތެއްވިޔަސް މެހެމަލްގެ ލޯބި ، ޙައިދަރުގެ ހިތުން ނެރެ ބޭރުކޮށްލުމަކީ ، ޙައިދަރަށް ކުރެވޭނެ ކަމެއްނޫންކަން ، މެހެމަލްއަށް އެނގެއެވެ. (ނުނިމޭ)
ވިހަ ތީރު (52)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ