އެމްޑީޕީއާއި ޖޭޕީ ކުރަމުން ދަނީ "ބޭނުމެއް ނެތް މަސައްކަތެއް": ރައީސް މައުމޫން

ގާނޫނުއަސާސީގެ ހިމާޔަތް ކުރުމުގެ ނަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އެމްޑީޕީ ގުޅިގެން ކުރަމުންދާ މަސައްކަތަކީ އެއްވެސް "ބޭނުމެއް ނެތް މަސައްކަތެއް" ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއު ދިއްލީއަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މައުމޫން މިއަދު ވިދާޅުވީ، އަދުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ އެއީ ކީއްކުރަން ކުރާ މަސައްކަތެއް ބާއޭ. ހަގީގަތުގައި އެއީ އެއްވެސް ބޭނުމެއް ނެތް މަސައްކަތެއް. އަޅުގަނޑުމެން މި ދަނީ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަމުން. މިއަދުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮ އަޅުގަނޑުމެންގެ ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނު އަސީއާ އެއްގޮތްވާ ގޮތުގެ މަތީން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނެތް ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވި ނަމަވެސް ޖުމްހޫރީ ޕާޓީން ބުނަމުން ދަނީ ގާނޫނުތަކަށް ބަދަލު ގެނެސް، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް، ގުޅިގެން އެމްޑީޕީއާ ޖޭޕީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އަދި ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަކީ ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމެއް ކަމަށް އެ ދެޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ