ސ.އަތޮޅު މަދަރުސާ އާއި ބައްދަލުކުރި މެޗު ހިރިޔާ ސްކޫލް އިން ކާމިޔާބުކޮށްފި

22 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ މެޗުގައި ސ.އަތޮޅު މަދަރުސާ އާއި ހިރިޔާ ސްކޫލް ބައްދަލުކުރި މެޗު ހިރިޔާ ސްކޫލް އިން ކާމިޔާބުކޮށްފިއެވެ.
މި މެޗު ހިރިޔާ ސްކޫލް ކާމިޔާބުކުރީ 50 ޕޮއިންޓް 16 ޕޮއިންޓުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ހިރިޔާ ސްކޫލްގެ އިޝާ އަބްދުއްރައްޒާގް އެވެ.
އިއްޔެ ފެށުނު އިންޓަރ ސްކޫލް ނެޓް ބޯޅަ މުބާރާތުގައި ސޯޅަ ސްކޫލަކުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އަތޮޅުތެރޭގެ ތިން ސްކޫލެއް ހިމެނެއެވެ. މި މުބާރާތުގައި އައްޑޫ ސިޓީ އިން ސ.އަތޮޅު މަދަރުސާގެ އިތުރުން ހިތަދޫ ސްކޫލްވެސް ބައިވެރިވެފައިވާއިރު މިއީ ސ.އަތޮޅު މަދަރުސާއިން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ތިން މެޗު އިއްޔެ ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސާދަ އަހަރުން ދަށުގެ އިސްކަންދަރު ސްކޫލްގެ ޓީމާއި ރެހެންދި ސްކޫލް ބައްދަލުކުރު މެޗު 68 ޕޮއިންޓް 4 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލް އެވެ. ބާރަ އަހަރުން ދަށުގެ އުމުރުފުރާއިން ރެހެންދި ސްކޫލްގެ ޓީމާއި އިސްކަންދަރު ސްކޫލް ބައްދަލުކުރި މެޗު 43 ޕޮއިންޓް 1 ޕޮއިންޓުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލް އެވެ.
މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތް ކުރިޔަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ