ކަޝްމީރާއި މޯދީއާ ގުޅުވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅު އިންޑިއާއިން ދޮގުކޮށްފި

ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގެންނެވި ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން އިންޑިއާއިން ދޮގުކޮށްފިއެވެ.
ކަޝްމީރުގެ މައްސަލަ ހައްލުކުރަން އެމެރިކާއިން މެދުވެރިއްގެ ދައުރު އަދާކޮށްދިނުމަށް މޯދީ އެދިވަޑައި ގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ، ވައިޓްހައުސްގެ އޯވަލް އޮފީހުގައި ބައްދަލު ކުރެއްވުމުގެ ތެރޭގައެވެ.
އިމްރާން ޚާން ދެއްކެވި ވާހަކަފުޅުތަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، މީގެ ދެހަފްތާކުރިން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ވަޑައިގެންނެވި ކަމަށާއި، އެގޮތުން ކަޝްމީރުގެ މައްސަލާގައިވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
އެމެރިކާއިން މެދުވެރިއްގެ ދައުރު އަދާކޮށްދިނުމަށް މޯދީ އެދިވަޑައި ގެންނެވުމުން ކޮން ކަމެއްގެ މެދުވެރިއްތޯ ސުވާލު ކުރެއްވި ކަމަށާއި، ޖަވާބުގައި ކަޝްމީރުގެ މައްސަލާގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެ މައްސަލަ ހައްލު ނުކުރެވި އެތައް އަހަރެން ފާއިތުވެގެން ދިއުންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އިންޑިއާއިންވެސް މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށާއި، ޕާކިސްތާނުންވެސް ބޭނުންވާ ކަމަށާއި، އެހެންކަމުން، އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަކީ ލިބިވަޑައި ގަންނަވާނެ އުފާފުޅެއް ކަމަށް ޓްރަމްޕް، އިމްރާން ޚާންއަށް ދެންނެވިއެވެ.
ނަމަވެސް، އިންޑިއާ ސަރުކާރުން ވަނީ ޓްރަމްޕްގެ ވާހަކަފުޅުތައް ދޮގުކޮށްފައެވެ.
އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މޯދީ އެފަދަ އެއްވެސް ކަމަކަށް ޓްރަމްޕްގެ ކިބައިން އެދިވަޑައި ނުގަންނަވާ ކަމަށެވެ.
ރަވީޝް ކުމާރު ވިދާޅުވީ، ކަޝްމީރު މައްސަލާގައި އިންޑިއާގެ މަގާމު ބަދަލުވުމާ ކަމަށާއި، އެ މައްސަލަ ހައްލު ކުރަންޖެހޭނީ އެކަމުގައި ޝާމިލްވާ ދެފަރާތް ބައިވެރިވެގެން ކަމަށް އިންޑިއާ ގަބޫލުކުރާ ކަމަށެވެ.
ޓްރަމްޕާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައިވަނީ، އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމުން، ކަޝްމީރު މައްސަލަ ހައްލު ކުރުމަށް އެމެރިކާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.
ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅު ދެއްކެވީ، އިމްރާން ޚާންގެ މި ވާހަކަފުޅުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ