އީރާނުން ހޯދާ ރީތީގެ ރާނީ އަށް ފިލިޕީންސް އިން ހިމާޔަތް

މެނީލާ (ނޮވެމްބަރު 10) - ޖިނާއީ ކުށްތަކެއްގެ ތުހުމަތުގައި އީރާނުން ހޯދަމުންދާ އެ ގައުމުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ބަހާރާ ޒާރޭ ބަހާރީ އަށް ފިލިޕީންސް އިން ހިމާޔަތްދީފި އެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފިލިޕީންސްގައި ދިރިއުޅޭ ބަހާރީ ދުބާއީ އަށް ކުރި ދަތުރަކަށް ފަހު އޭނާ އެނބުރި އޮކްޓޯބަރު 17 ވަނަ ދުވަހު މެނީލާ އަށް ދިޔަތަނުން ފިލިޕީންސަށް އެތެރެވުން މަނާކުރި އެވެ. ފިލިޕީންސް އިން ބުނެފައި ވަނީ ބަހާރީ އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފައިވާތީ ކަމަށެވެ. ހުއްދަ ނުލިބުމާ އެކު ބަހާރީ ވަނީ މެނީލާ އެއާޕޯޓުގައި ރެފިއުޖީއެއްގެ ގޮތުގައި މަޑުކޮށްފަ އެވެ. އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދައިފަ އެވެ. ފިލިޕީންސަށް އެތެރެވުމުގެ ހުއްދަ އަށް އޭނާ ވަނީ ރައީސް ޑުޓާޓެ ރޮޑްރިގޯ އަރިހުގައި ވެސް އެދިފަ އެވެ.
"އެ މީހުން އަހަރެން މަރާލަފާނެ،" އީރާނުގެ ކަމާބެހޭ ފަރާތްތަކަށް އިޝާރާތްކޮށް، އިނގިރޭސިވިލާތުގެ ޓެލެގްރާފަށް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ބަހާރީ ބުންޏެވެ.
ފިލިޕީންސްގެ ޖަސްޓިސް އަންޑަސެކްރެޓަރީ މާކް ޕެރެޓެ ވިދާޅުވީ ބަހާރީ އަށް ސިޔާސީ ހިމާޔަތް ދީފައިވާ ކަމަށެވެ. އަދި އެއާޕޯޓުން ބަހާރީ ހިފެހެއްޓީ އޭނާ ހައްޔަރު ކުރުމަށް އިންޓަޕޯލުގެ އެހީ އަށް އީރާނުން އެދިފައިވާތީ ކަމަށް ވިދާޅުވި އެވެ. ބަހާރީ އަށް ހިމާޔަތް ދިން ސަބަބެއް ޕެރެޓް ވިދާޅެއް ނުވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބަހާރީ ޑިޕޯޓްކޮށްނުލަށް އީރާނަށް ގޮވާލައިފަ އެވެ.
ބަހާރީ ވަނީ މިދިޔަ އަހަރު މެނީލާގައި ބޭއްވި މިސް އިންޓަނޭޝަނަލް ބިއުޓީ މުބާރާތުގައި އީރާން ތަމްސީލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ