ޑިމޮކްރަސީއަކީ އެމީހެއްގެ އަމިއްލަ ސިޔާސީ ފިކުރުގައި މަސައްކަތް ކުރުމުގެ މިނިވަންކަން ލިބިގެންވުން ކަމަށާއި ޑިމޮކްރަސީގައި ތަފާތު ވިސްނުމުގެ މީހުންނަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް، ސައުދު ހުސެއިންގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިމަހުގެ 22 ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރާ ފަރާތްތަކުން ބައެއް ރަށްރަށަށް ދިއުމުން، ހުރަސްއަޅަމުންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީއެއްގެ ތެރޭގައި ތަފާތު ފިކުރުގެ ވިސްނުންތައް ހުރި ކަމުގައި ވީނަމަވެސް، ކޮންމެ މީހަކަށްވެސް ސަލާމަތާއި ރައްކާތެރިކަމާ އެކީގައި ރަށްރަށަށް އަރާ ފައިބާ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދެކެވެން ޖެހޭނެ ކަމަށެވެ. އަދި ކެމްޕެއިނަށް ހުރަސްއެޅުމަކީ އެއްވެސް ރަށަކުން ފެނިގެން ވާނެ ކަމެއް ނޫންކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއްގެ ތެރޭގައި ކަމަށްވާތީ ތަފާތު ފިކުރުގެ ތަފާތު ވިސްނުމުގެ މީހުންނަށް މަރުހަބާ ކިޔަންޖެހޭނެ. އެމީހުން ކިޔާ އެއްޗެއް ޖެހޭނެ އަޑުއަހަން. އަޅުނގަޑުމެން އެކަން ގަބޫލު ކުރުމާއި ނުކުރުން އެއީ އަދި އެހެން ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަންޖެހެނީ، މި ސަރުކާރަކީ ވެސް އެ ކޯލިޝަންގެ ސަރުކާރަކަށްވާތީ ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކޯލިޝަނަށް އަޣްލަބިއްޔަތު ނުލިބިއްޖެނަމަ ރައްޔިތުންނަށް ހުށަހަޅާފައިވާ މެނިފެސްޓޯއަށް ހުރަސްތަކެއް އެޅޭނެ ކަމަށެވެ.
"އަޣްލަބިއްޔަތު ނުލިބިއްޖެނަމަ، އަޅުނގަޑުމެންގެ މެނިފެސްޓޯ، އާދެ! ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ މި ދެ މެނިފެސްޓޯގައިވާ ކަންތައްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ހުރަސްތަކެއް އެޅޭނެ،" މައުމޫން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަން މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން މެޖޯރިޓީ ނަގައި ކުރިއަށް އޮތް ފަސް އަހަރަކީ ތަރައްގީ އާއި ކުރިއެރުން ހޯދައިދޭނެ ފަސް އަހަރަށް ހަދަންޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ޑިމޮކްރަސީގައި ތަފާތު ފިކުރުތަކުގެ މީހުންނަށް މަރުހަބާކިޔަން ޖެހޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ