ކަރަންޓް ނަރު ރޯލުތަކެއް ވަގަށް ނެގި ދެ ވަނަ ފުރުސަތުގެ މީހާކާ އެކު އިތުރު މީހަކު ހައްޔަރުކޮށްފި

ކަރަންޓް ނަރު ރޯލުތަކެއް ވަގަށް ނެގި ދެ ވަނަ ފުރުސަތުގެ މީހާކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރާއި 31 އަހަރުގެ އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސުނު ވަގުތު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭގެތެރެއިން 31 އަހަރުގެ މީހާއަކީ ދެ ވަނަ ފުރުސަތުގެ ދަށުން މުޖުތަމައަށް ދޫކޮށްފައި ހުރި މީހެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ މ. ޒިލިޔަންގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށް ކަމަށާއި އަދި 31 އަހަރުގެ މީހާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ފިލަން މަސައްކަތް ކޮށްފައި ކަމަށެވެ.
ވަގަށް ނަގާފައިވާ ކަރަންޓް ނަރު ރޯލްތައް އަޅާފައިވާ ގޯނި ފެނިފައި ވަނީ ޒިލިޔަންގޭ ބަލައި ފާސްކުރި އިރު އެގޭ ތެރޭގައި ބަހައްޓާފައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އުމުރުން 30 އަހަރުގެ މީހާ ލައިގެން ހުރި ގަމީހުން ދެ އިސްކުރާއި ދޮރު ތަންޑުގެ ބައެއް ބައިތަށް ފެނިފައިވާ އިރު އުމުރުން 31 އަހަރުގެ މީހާ އަތުން 1،418ރ.ގެ އަންގި ޖޯޑެއް ފެނިފައިވާ ކަމަށެވެ.
އެ ވައްކަމުގެ އިތުރުން އައިލެންޑް ޕްލާޒާ އިން ޓްރާންސް ފޯމަރެއް ވަގަށް ނަގައިގެން ގެންދަން އުޅުނު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 41 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 8 ޖަހާ އެހާކަން ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ޢާންމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން އައިލެންޑް ޕްލާޒާ ކައިރިއަށް ދިޔަ އިރު އައިލެންޑް ޕްލާޒާއިން ޓްރާސްފޯމަރު ނެރެގެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ