ތ. ކިނބިދޫގައި ބަހައްޓާފައި ހުރި ހުރިހާ ޖަނަރޭޓަރެއް ހަލާކުވެ ރަށުން ކެނޑިގެންގޮސްފައިވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެރަށު ކައުންސެލަރު މުހަންމަދު ނަސީމް މިއަދު ވިދާޅުވީ ހަތަރު ވެސް ޖަނަރޭޓަރު ހަލާކުވެ، ކަރަންޓް ކެނޑިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އެ ޖަނަރޭޓަރުތައް އަދިވެސް ރަނގަޅުނުކުރެވޭ ކަމަށާއި އެކަމަށް "ސަރުކާރުގެ އެއްބާރުލުން" ނުލިބޭ ކަމަށް ވެސް ކައުންސެލަރު ވިދާޅުވި އެވެ.
"ރކ. ކޮމެޓީ ވެސް ވީ ]މިކަމާ ވާހަކަ ދައްކަން[ މާލޭގައި. ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ތަނަކަށް ސިޓީ ފޮނުވައިފިން. ހަގީގަތުގައި ރަށު އޮފީހަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭނެ. ހަމައެކަނި ފޯނެއް ކޮށްލެވޭނީ،" ކައުންސިލަރު ވިދާޅުވި އެވެ. "ހަގީގަތަށް ބަލާ ނަމަ އަތޮޅު ކައުންސެލަރުގެ ވެސް އެއްވެސް އެއްބާރުލުމެއް ނުލިބޭ."
އޭނާ ވިދާޅުވި ގޮތުގައި ހަލާކުވެފައި ހުރި ޖަނަރޭޓަރުތައް އެރަށު ރައްޔިތުން އަމިއްލަ ގޮތުން އެރަށަށް ގެންދާ އިންޖިނޭރަކު ލައްވާ މާދަމާ ހެދޭތޯ މަސައްކަތް ފަށާނެ އެވެ.
ކަރަންޓް ނެތި އެ ރަށުން ވަރަށް ދަތި ހާލެއްގައި ދިރިއުޅެމުން އަންނަ ކަމަށް ވެސް ކައުންސެލަރު ވިދާޅުވި އެވެ. ސްކޫލްގައި ކިޔަވައިދެމުން ދިޔަ ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ކްލާސްތައް ނަގައިދެނީ ސްކޫލް ގޯތިތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިދަން ވަރަށް އުދަނގޫ، މަދިރި ވެސް އެހާ ގިނަ. ބައެއް ގޭގޭ މީހުން އެނދު ނެރެގެން ގޯތި ތެރޭގައި ވެސް ނިދާ،" ކައުންސިލަރު ވިދާޅުވި އެވެ.
އާބާދީގައި 1200 އެއްހާ މީހުން ހިމެނޭ ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ބައެއް އިންޖިކްޝަންތައް ވެސް ކަރަންޓް ނެތިގެން މިހާރު ވަނީ ހަލާކުވެފަ އެވެ.
"ފޯނު ޗާޖްކުރަނީ ދިރާގް އެންޓަނާ ހުންނަ އިމާރާތުގައި. އެތަނުގައި ފޯނުތައް ބަރިބަރިއަށް ޗާޖަށް ޖަހާފައި ހުރޭ. އެތަނުގައި ބައެއް ފަހަރު ދިހަ ބާރަ ފޯނު އެއްފަހަރާ އޮވޭ ޗާޖް ކުރަންޖަހާފައި،" ކައުންސިލަރު ވިދާޅުވި އެވެ. "މިރަށުގައި ހުރޭ 21 ވަރަކަށް ފިހާރަ. ފިހާރަށްތައް ހިންގަނީ ފުޅިބައްތި އަލީގައި."
ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސަލީމް މިއަދު ވިދާޅުވީ އެރަށުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ރަށަށް ވަގުތީ ގޮތުން ކަރަންޓް ދިނުމާ އެކު ދާއިމީކޮށް ކަރަންޓް ދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެން ފުރަތަމަ ބެލީ ކައިރި ރަށަކުން އެ ރަށުގެ ކެޕޭސިޓީއާ އެއްވަރު ޖަނަރޭޓަރެއް ގެންގޮސްގެން ވެސް ކަރަންޓް ދެވޭތޯ. އެތާ ކައިރީ ރަށްރަށުގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރުތައް ވެސް ދިނުމަށް ބުނަނީ ބޮޑެތި އަގުތަކުގައި. އެހެންވީމާ އެކަމުގައި މިނިސްޓްރީ އަށް ވަނީ ދަތިތަކެއް ދިމާވެފައި." ސަލީމް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އެ މައްސަލަ ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި އެކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތުތައް އެރަށަށް ދެމުން ގެންދާ ކަމަށެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެރަށުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބަލާ އެންމެ އެދެވޭ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބިދޫގައި ކަރަންޓް ދެމުން އަންނަނީ ރައްޔިތުންގެ ޖަނަރޭޓަރުތަކަކުންނެވެ.
ކިނބިދޫގައި ކަރަންޓް ނެތި ހަފުތާއަކަށްވުރެ ގިނަ ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ